ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބުރާހިމް ޝަރީފް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. އޭނާ އެމްޑީޕީން ވަކިވިކަން ހާމަކޮށްފައިވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.
އެނގިފައިވާ ގޮތުގައި ޝަރީފްވަނީ މިއަދުގެ ވަގުތެއްގައި އޭނާ އެމްޑީޕީން ވަކިވުމަށް ސިޓީ ހުށަހަޅުއްވާފައެވެ. ބައެއް ފަރާތްތަކުން "ޚަބަރު އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޝަރީފް އެމްޑީޕީން ވަކުިވުމަށްފަހު ވަރަށް އަވަހަށް ޕީއެންސީއަށް ސޮއި ކުރައްވާނެއެވެ.
ޝަރީފް މިއަދު އެމްޑީޕީން ވަކިވެފައިވާއިރު، އޭނާ މިއަދު އެމްޑީޕީގެ މަޖިލިސް މެމްބަރުން ތިއްބާވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެއްގައި ވިދާޅުވެފައިވަނީ އޭނާ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ވާދަ ނުކުރައްވާނެކަމަށާއި އަދި ސިޔާސީ މަސްރަހުންވެސް ދުރަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމުގައެވެ.
ޝަރީފް ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އެއް މެމްބަރުގެ ގޮތުގައެވެ. އެގޮތުން އޭނާވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު މަޖިލިހުގައި ޚިދުމަތް ކުރައްވާފައެވެ. ޝަރީފް މިއަދު އެމްޑީޕީންވަކިވެވަަޑައިގެންފަައިވާއިރު، އެމްޑީޕީއަކީ އޭނާ އެންމެ ފުރަތަމަ ގުޅުނު ޕާޓީވެސްމެއެވެ. އެހެންނަމަވެސް އެއަށްފަހު އޭނާވަނީ ކުރީގެ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީގަވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.
ޝަރީފްއަކީ މިހާރު އަމަލުކުރެވެމުންދާ ފެހު ގާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް އެކުލަވާލި ޚާއްސަ މަޖިލިހުގައިވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާވަނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރުމަށް ކުރެވިގެންދިޔަ އިސްލާހީ މަސައްކަތުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ