ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެންޕިއަން މާޒިޔާއިން ފެށުން ރަނގަޅު ކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ސީޒަން ނުފެށި މެދުކެނޑިފައި އޮތުމަށްފަހު މިއަދު ހަވީރު ލީގުވަނީ އަލުން ފަށާފައެވެ. ލީގުގެ ފުރަތަމަ މޮޅު ޗެންޕިއަން މާޒިޔާއިން ހޯދީ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ކޮސްގެނެވެ.
މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓްގައި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ތަނަވަސް ކޮށްދިން ފުރުސަތުގައި ކާމިޔާބު ކުރީ މުހައްމަދު އުމޭރުއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނިޓްގައި މާޒިޔާ އިން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. މި ގޯލު ޖެހީ އަމްދާން އަލީ (އެންޑީ) އެވެ. އިބްރާހިމް އައިސަމް ކޯނަރަކުން ނަގައިދިން ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ އަލީ ޝަމާލް ބޮލުގައި ޖެހިފައި އެންޑީ އަށް ލިބުމުން އޭނާ ބޮލުން ފޮނުވާލުމުން ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ.
ދެ ވަނަ ހާފުގައި މާޒިޔާއިން ޖެހި އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އޭނާ ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ އަސަދުﷲ އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ރުސްލާން އަމިރޯވް އާއި ޑިފެންޑަރު މަރަޓް އަދްޒިނިޔަޒޯފް ހެދި ގޯހެއްގެ ފައިދާނަގައި އަސަދުﷲ ޖެހި ގޯލެކެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ބައްދަލުކުރާނީ މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ އެވެ.
ކޮމެންޓު ފޮނުވާ