ރާއްޖޭގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝަރަފު އަބްދުﷲ ގެ އަންހެނުން އަދި ދިވެހި އެފްއެއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޝަހުދާ މަހުދޫމް ޑައިރެކްޓް ކުރާ ފިލްމު "އަވަ" އަށް ތައްޔާރުވާން ފަށައިފި އެވެ.
ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ވެސް މިހާރު ހުށަހަޅާ ޝަހުދާ ޑައިރެކްޓަރެއްގެ ގޮނޑިގައި އިށީންނަ އަލަތު ފިލްމް އަކީ ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ ކަމަށްވާ ޑާކް ރެއިން އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ އެއްޗެކެވެ.
މިދިޔަ މަހުގެ ފަހުކޮޅު ކާސްޓް ވެސް އިއުލާކޮށްފައިވާ މި ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށް ޑާކް ރެއިނުން އިއްޔެ ބުންޏެވެ. "އަވަ" އަކީ އެކީ އެ ސްޓޫޑިއޯ އިން އޮކްޓޯބަރު މަހު އިއުލާންކުރި ހަ ޕްރޮޖެކްޓްގެ ތެރެއިން އެއް ފިލްމެވެ. "އަވަ" އަކީ ހޮރޯ-ކޮމެޑީ ޖޯންރާގެ ފިލްމުކެވެ.
ޝަހުދާ ލިޔެ، ޑައިރެކްޓްކުރާ "އަވަ" ގެ ކާސްޓުންނަކީ އޭނަގެ ފިރިމީހާ މިހާރު ކުރިއަރަމުން އަންނަ އެކްޓަރު ޝަރަފު އަބްދުﷲ އާއި އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިންގެ "ނޮވެމްބާ" ގެ ބަތަލާ މަރިޔަމް މަޖުދާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނެ އެވެ.