ސަތޭކަ ޑޮލަރުގެ ސައްހަ ނޫޓުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިއްޖެއެވެ.
އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދައުރުވާ ކަމަށް ފާހަގަކުރެވިފައިވާ ނޫޓަކީ 1996 އިން ފެށިގެން 2016 އާއި ދެމެދުގެ ތާރީހުގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ޔޫއެސް ޑޮލަރުގެ ނޫޓެއް ކަމަށެވެ.
އެ ނޫޓުތަކުގެ ތެރޭގައި ފާހަގަ ކުރެވޭ ކަންކަމުގެ ތެރޭގައި ނޫޓާ ތަފާތު ކަރުދާހެއްގައި ޕްރިންޓުކޮށްފައިވުމާއި ފޮޓޯ ހިމެނޭ ވޯޓަ މާކުގައި ސައްހަ ނޫޓާ ތަފާތުކޮށް ހުރުމާއި ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ "ޔޫއެސްއޭ 100″ ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން ހިމެނެއެވެ.
އަދި ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ދިއްލިފައި ނެތުން ފާހަގަކުރެވިފައިވެއެވެ.
އެމްއެމްއޭ އިން ބުނީ ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ވެސް ފޭކު ނޫޓުގައި ނުހުންނާނެ ކަމަށެވެ. އަދި ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައި ގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެ ނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުން އެދޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ