ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސް، ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ހަވާލުކޮށްދެއްވިއިރު، މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫނެވެ.
މިއަދު މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަތީފްއަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ. މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރާއި، ލެފްޓިނެންޓް ޖެނެރަލް އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް (ރިޓަޔަޑް) އަބްދުﷲ ޝަމާލްއެވެ.
އަބްދުއްރަހީމް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 17 ގައެވެ. އޭނާ އޭގެ ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ. އަބްދުއްރަހީމް ވަނީ 37 އަހަރަށް ވުރެ ގިނަ ދުވަހު ސިފައިންގެއަށް ހިދުމަތް ކުރައްވައިފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވީ ޝަމާލެވެ. އޭނާ މިހާރު ވަނީ ސިފައިންގެއިން ރިޓަޔާ ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ