އެންމެ ފުރަަތަމަ ކަމަކަށް ބޭނުންވަނީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް ކުރިހޯދައި މޮޅަކުން ލީގު ފަށަން ކަމަށް މާޒިޔާގެ ކޯޗު މުޙައްމަދު ނިޒާމް ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމް ބުނީ ސީޒަނަށް އެޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ހުރިހާގޮތަކުން މެޗުގެ މުހިއްމުކަން ވަރަށް ބޮޑުކަމަށެވެ. ޝީލްޑް މެޗުން ބަލިވުމަކީ ކުޅުންތެރިންނަށާއި ކޯޗެއްގެ ގޮތުގައި ދަސްކުރަން ލިބުނު ފިލާވަޅެއް ކަމަށާއި، އެކަމަކު ލީގުގެ ފުރަތަމަ މެޗު ކާމިޔާބުކުރުން މުހިންމުވަނީ އީގަލްސް އަތުން ވީ ބަލިން އަރައިގަންނަން ނޫންކަމަށް ނިޒާމްބެ ބުންޏެވެ.
"އެންމެ މުހިއްމު ކަމަކީ އެ ގޮތުން އެ ވިސްނުން ސިކުނޑިއަށް ގެނެސްގެން ވެދިޔަތަން ދޫކޮށްލާފައި ސީޒަންގެ ފުރަތަމަ މެޗުން މޮޅުވާން ނިކުންނާނީ،"
– ނިޒާމް
ނިޒާމްބެ ބުނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމަކާ ދެކޮޅަށް ވެސް މާޒިޔާ ނުކުންނާނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. މާޒިޔާގެ ހަމައެކަނި ވިސްނުމަކަށް ވާނީ މޮޅުވުން ކަމަށާއި، ކޮންމެ މެޗަކަށް ވެސް ޓީމު ނުކުންނާނީ އެ ޕްރެޝަރ ނަގައިގެން ކަމަށް ނިޒާމް ބުނިއެވެ. ޗެރިޓީ ޝީލްޑް މެޗުގައި އަނިޔާވެގެން ބަދަލުކުރި ސާބިއާގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް މި މެޗުގައި ނުކުޅޭނެކަމަށް ނިޒާމް ވަނީ ބުނެފަ އެވެ.
"އެންމެ ސީރިއަސްކޮށް ނަގަންވީ ކަމަކީ މާޒިޔާ އަށް ކޮންމެ މެޗަކުން މޮޅުވުން ނޫން އެހެން ކަމެއް ނޯންނާނެކަން. އެ ވިސްނުމުގައި މާޒިޔާ ނުކުންނައިރު މާޒިޔާ އަށް އެއްވެސް މެޗެއް ފަސޭހަނުވާނެ. އޮޕޮޒިޝަން އިން ކުރެވުނު ހުރިހާ ކަމެއް ކުރާނެ މާޒިޔާ މޮޅުވިޔަނުދޭން. މާޒިޔާ އެ ޕްރެޝަރު ނަގައިގެން ނުކުންނާނީ،"
– ނިޒާމް
ޕްރީސީޒަނުގައި ނިޒާމް ބޭނުންވާ ގޮތަށް އޭނާގެ ފިލޯސަފީއާއި އޭނާ ބޭނުންވާ ސްޓައިލުގެ ފުޓްބޯޅަ މާޒިޔާ ލައްވައި ކުޅުވަން ގިނަ މަސައްކަތްތަކެއް ވަނީކޮށްފަ އެވެ. ނިޒާމް ބުނީ އޭނާ ބޭނުންވާ ބަދަލު ގެނެވޭނެ ކަަމަށާއި އެކަމަކު އެކަން ކުރަން ވަގުތު ނަގާނެ ކަމަށެވެ.
"މިދިޔަ ސީޒަނުގައި މާޒިޔާގައި ތިބި ބައެއް ކުޅުންތެރިންގެ ޕޮޓެންޝިއަލްއާ އެއްވަރަށް ނުކުޅެވިހުރީ. އެކަން ވެސް އެބަޖެހޭ ބަދަލުކުރަން. ބޭނުންވާ ބަދަލުތައް ގެނެވޭނެ،"
– ނިޒާމް
މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.