ވަރިވާންދިޔަ އަންހެނަކަށް ފޯނުކުރި ގާޒީ ވަކިކުރަން ނިންމީ ރަގަޅަށް

ވަރިވާންދިޔަ އަންހެނަކަށް ފޯނުކުރި ގާޒީ ވަކިކުރަން ނިންމީ ރަގަޅަށް

Author
ހުސެއިން
09 ޑިސެމްބަރ 2023 09:11
0

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވާން މައްސަލަ ހުށަހެޅި އަންހެނަކަށް ގުޅާ މެސެޖްކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ އެރަށު ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމް ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީން ނިންމައިފިއެވެ.

ހދ.ޖުޑީޝަލް ދާއިރާގެ ކުރީގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާ ގުޅޭގޮތުން މީގެ ކުރިން ތަޙްޤީޤުކުރެވުނު ސީރިއަސް މައްސަލަތަކަކާ ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، ފަނޑިޔާރުކަމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، 2023 ޖުލައި 23 ވަނަ ދުވަހުގަ އާއި 2023 އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައެވެ. އޭގެ ތެރޭގައި ވަރިވާން ކޯޓަށް އެދި ހުށަހެޅި މައްސަލައަކާ ގުޅިގެން އަންހެން މީހާއަށް ގުޅައި މެސެޖްކޮށް ހެދި މައްސަލައެއްވެސް ހިމެނެއެވެ.

މި މައްސަލަތައް ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ދެ މައްސަލައާ ގުޅިގެން މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީ އާއި ޖޭއެސްސީގެ ގާނޫނާއި އެފަދަ މައްސަަލަތައް ބެލުމަށް، އެ ކޮމިޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި މި ނިންމުމަށް ރިއާޔަތްކޮށް ވަކި ގޮތެއް ކަނޑައަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހަށް ޖުޑިޝަރީ ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

މިމައްސަލައާއި ގުޅޭގޮތުން ޖޭއެސްސީން ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީޢަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ޢިއުތިރާފުން ސާބިތުވާކަމާއި، އަދި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަޤްސަދެއް އޮވެގެންކަމަށް ސާބިތު ވެފައިވާ ކަމުގައެވެ.

ގާނޫނު އަސީސީގައި ވާގޮތުން، 154 ވަނަ މާއްދާގެ ދަށުން ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ފޮނުވައިފިނަމަ، މަޖިލިސް ޖަލްސާގައި އެކަން އިއުލާންކޮށް އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލިސް ގަވާއިދުގެ ދަށުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން ޖެހެއެވެ.

ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބުނަނީ، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫންކަމަށް، ނުވަތަ އެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.