އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް" ގެ ހަ ވަނަ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިނުވި ކަން ހާމަވެއްޖެއެވެ. މި ބައްދަލުވުން އޮތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް މޮރިޝަސްގައެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީލަންކާގެ މަންދޫބުން ހިމެނިވަޑައިގަންނަވާ ގޮތަށް ފެށި ބައްދަލުވުމެކެވެ. މި ބައްދަލުވުމަށް އެންމެ ފަހުން އިތުރުވި ގައުމަކީ މޮރިޝަސްއެވެ.
މޮރިޝަސްގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފެށި "ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް"ގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވީ ލަންކާ އާއި އިންޑިއާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ކަމަށެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި ސީޝެލްސް އާއި ބަންގްލަދޭޝްގެ ވަފުދެއް ވެސް ބައިވެރިވި ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެ އިން ބައިވެރި ނުވާ އިރު، ޗައިނާގެ ބެއިޖިންގައި މިދިޔަ ހަފުތާގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އެންޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގައި ރާއްޖެ އިން ބައިވެރިވެފައިވެއެވެ. މި ފޯރަމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގައި ރާއްޖެ އިން ބައިވެރިނުވެ ޗައިނާގައި އޮތް ފޯރަމްގައި ބައިވެރިވި މައްސަލަ އިންޑިއާގެ ނޫސްތަކުން ވަނީ ފާހަގަކޮށްފައެވެ.
ލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ އާއި، ސްރީލަންކާއާއި ރާއްޖެއިން ގުޅިގެން، ސަލާމަތީ ރޮނގުން އެއްބާރުލުން އިތުރުކުރުމަށް އުފައްދާފައިވާ ފްރޭމްވާކެކެވެ. މިފްރޭމްވާކް ބިނާވެފައިވަނީ މައިގަނޑު ހަތަރު ތަނބެއްގެ މައްޗަށެވެ. އެއީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމެވެ.
މި ބައްދަލުވުން މިދިޔަ އަހަރު އޮތީ ރާއްޖޭގައެވެ. އެ ފަހަރު ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.