ބަޣުދާދުގައި ހުންނަ އެމެރިކާ އެމްބަސީގެ ކޮމްޕައުންޑަށް ހުކުރު ދުވަހުގެ ފަތިހު ދިން ހަމަލާއެއްގައި ގާތްގަނޑަކަށް ހަތް މޯޓާ ރައުންޑް ވެއްޓިފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ރޮއިޓާސް އަށް މައުލޫމާތު ދީފިއެވެ.
އިރާގާއި ސީރިއާގައި ތިބި އެމެރިކާ ސިފައިންނަށް ވެސް ހުކުރު ދުވަހު ވަނީ އިތުރު ފަސް ފަހަރެއްގެ މަތިން ރޮކެޓާއި ޑްރޯން ހަމަލާދީފަ އެވެ. އެމެރިކާގެ ދިފާއީ އޮފިޝަލަކު ވިދާޅުވީ ސީރިއާގެ ވަކި ވަކި މަރުކަޒުތަކުގައި ތިން ފަހަރު އަދި ބަޣުދާދުގެ ހުޅަނގުން އޮންނަ އައިން އަލް އައްސަދު އެއާބޭސްގައި ދެ ފަހަރު ހަމަލާ އަމާޒުވެފައިވާ ކަމުގައެވެ.
މިއީ މިދިޔަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އިރާގާއި ސީރިއާގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުގެ ތާއީދުއޮތް ހަނގުރާމަވެރި ގުރޫޕުތަކުން ހަމަލާދޭން ފެށި ފަހުން އެ ސަރަހައްދުގައި އެމެރިކާ ސިފައިންނާ ދެކޮޅަށް އެއް ދުވަހެއްގެ ތެރޭގައި ދިން އެންމެ ގިނަ ހަމަލާތަކެވެ.
ބަޢުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދިން މި ހަމަލާއަކީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ހަމަލާ ދިން ފުރަތަމަ ފަހަރެވެ. މިއީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ފުޅާވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް، އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތައްވެސް އިތުރަށް ފުޅާވެގެން ދިޔަ ފުރަތަމަ ފަހަރެވެ.
މި ހަމަލާތަކުގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލާފައި ނުވި ނަމަވެސް މީގެ ކުރިން އެމެރިކާ ސިފައިންނާ ދެކޮޅަށް ހަމަލާތައް ދީފައި ވަނީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސްގެ ބެނާގެ ދަށުން ހަރަކާތްތެރިވާ އީރާނާ ގުޅިފައިވާ ލަޝްކަރުތަކުންނެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލް ނަން ނުޖެހުމަށް ޝަރުތުކޮށް ބޭރުގެ މީޑިއާތަކަށް މައުލޫމާތުދެމުން ވިދާޅުވީ އެމްބަސީގެ ކޮމްޕައުންޑަށް އިތުރު ޕްރޮޖެކްޓައިލްތަކެއް ފޮނުވާލިނަމަވެސް ނަމަވެސް އޭގެ ތެރޭއިން ބައެއް ރޮކެޓްތައް އެމްބަސީގެ ހަތަރުފާރު ތެރެއަށް ވެއްޓިފައި ނުވާކަމުގައެވެ. އެމެރިކާގެ އޮފިޝަލުން ވިދާޅުވީ ހުކުރު ދުވަހުގެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި އެމްބަސީއަށް ދިން ހަމަލާގައި ވަރަށް ކުޑަ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެ ފަތިހު 4:00 އެހާކަންހާއިރު އިރާގުގެ ވެރިރަށުގެ މެދުގައި ހުންނަ އެމްބަސީ ކައިރީގައި ބޮން ގޮއްވާލި އަޑުތައްވެސް އިވިފައި ވެއެވެ. މި ބޮމުގެ އަޑުތަކާއެކު އާންމު ރާއްކާތެރިވުމަށް މެސެޖުދޭ ސައިރަންތައް އެކްޓިވޭޓް ކުރި އެވެ. މި ހަމަލާގެ ސަބަބުން އިރާގުގެ ސަލާމަތީ އިދާރާއެއްގެ ހެޑްކުއާޓަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެއެވެ.
One Response
ތިވާނީ އިސްރާއީލުން ދިން ހަމަލަ ތަކަކަށް. ތީގެ އެމެރިކަގެ ބައިވެރިވުންވެސް އޮންނާނެ. އެ ގަުމުތަކަށް ހަމަލަ ފޭން ރާވަ ރޭވުމެއް. މި ނޫސްވެރިމްނަކީ އެމީހުންގެ ބައިވެރިން.