ރައީސް ޔާމިން ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް) ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަކޮށްފި ކަމަށް އެޕާޓީ ރަޖިސްޓްރީ ކުރުމުގައި އިސްކޮށް ހަރަލާތްތެރި ވަމުންދާ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ޔާމިން ގާނޫނީ ބަންދެއްގައި ހުންނެވުމާއި ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް ޔާމިންގެ ދަރިކަލުނ ޒެއިންގެ ނަމުގައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހެޅުމުންނެވެ. އެއަށްފަހު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ދޫކުރާނެއެވެ. އެއީ މަދުވެގެން ޕާޓީގެ 300 މެމްބަރުން ބައިވެރިވާ ޖަލްސާއަކަށް ވާނަޖެހެއެވެ.
ޕީޕިއެމްއިން ވަކިވެވަޑައިގަތުމަށްފަހު ވިދާޅުވެފައިވަނީ، އެޕާޓީ ދޫކޮށްލެއްވީ ލީޑާޝިޕް އެމަނިކުފާނާ ދުރަށް ވަޑައިގަތުމުންކަމަށެވެ. ނަމަވެސް ޕީޕީއެމް ލީޑާޝިޕު ބޭފުޅުން ވިދާޅުވީ ރައީސް ޔާމީން އެބޭފުޅުންނާއި ދުރަށް ވަޑައިގަތީކަމަށެވެ. އަދި ރައީސް ޔާމީންގެ އެ ނިންމެވުންތަކުގެ އިސް ފަރާތަކީ ޑރ. ޖަމީލް ކަމަށެވެ.