ރާއްޖޭގެ ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފު ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ކެބިނެޓްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ގުޅޭގޮތުންނާއި އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި ގުޅޭގޮތުން އެކި މިނިސްޓްރީތަކުން ދެއްވަމުން ގެންދަވަނީ އެކު އަދަދުތައް ކަމުގައެވެ.
އިންޑިއާ ސިފައިންގެ އަދަދު.. މިހާތަނަށް އަޅުގަމެންނަށް ފޮރިން މިނިސްޓްރީއާއި ޑިފެންސާއި މިތަންތަނުން ލިބުނު ލިޔުންތަކުން އެކިފަހަރު ހުރީ އެކި އަދަދު އައިސްފަ. 77 އިން ގޮސް 89 އާއި ހަމައަށް އެބަދޭ. ދެން އެވެސް ސާފެއް ނުވޭ، އެއަށްވުރެ އިތުރުވެސް ވެދާނެ. އެހެންވީމަ އަޅުގަޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް އެއްކޮށް ސާފުވިކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަޑު ދެންނެވީ އަޅުގަޑު ޔަގީންކުރަން ބޭނުންވެއޭ. އެހެންވީމަ މިއީ މިހާތަނަށް ފެނުނު ރޭންޖު. އެކަމަކު އެއަށްވުރެ ގިނަވެސް ވެދާނެ. އެހެންވިމަ އަޅުގަޑުމެން އެމަސައްކަތް އެބަ ކުރިޔަށް ގެންދަން.
ރާއްޖޭގަ ތިބި އިންޑިއާ ސިފައިންގެ އަދަދާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ޓެކްނިކަލް ކޮމިޓީއެއް އުފައްދަވައިގެން ކުރިޔަށް އެބަ ގެންދަވާ ކަމުގައެވެ. އަދި އެކޮމިޓީ އުފައްދަވާފައިވަނީ ޑިފެންސް މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ ހިމެނޭ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މޯޑިއާއެކު ބޭއްވުނު ބައްދަކުވުމުގައި، އިންޑިއާއިން ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ރެސްޕެކްޓް (އިހުތިރާމް) ކުރާކަމަށް ވިދާޅުވިކަމަށާއި، ރާއްޖެ ހަމަޖެހިގެން ކުރިންޔަށް ދިއުމަކީ ސަރަހައްދީ ހަމަޖެހުމަށްވެސް މިހިންމު ކަމެއް ކަމަށް މޯޑީއަށް ދެންނެވި ކަމަށެވެ. އަދި ރާއްޖެއިން އެއްވެސް ގައުމަކާ ދެކޮޅުވެރިކަމެއް ބާއްވަން ބޭނުން ނުވާކަމަށް ވިދާޅުވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މޯޑީއާއެކީ ބޭއްވުނު ބައްދަލުވުމުގެ ކުރިން ބޭއްވުނު، ދަށު ލެވެލްގެ ހަތަރު ފަސް ބައްދަލުވުމެއްގައި ވަރަށް ތަފްސީލުކޮށް އެވާހަކަ ތައް ދެކެވި އިންޑިއާ ސިފައިން ރާއްޖެއިން ގެންދާގޮތަށް އެއްބަސް ވެވިފައިވާ ކަމުގައެވެ. އަދި އެބައްދަލުވުންތަކުގައި އެމިންވަރަށް ތަފްސީލު ކުރެވުނު ކަމަށާއި، އޭގެ އިތުރު ވާހަކަތަކެއް ނުދެކެވޭކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ އިންޑިއާއެކީ ކުރީ ސަރުކާރުން 100 ވަރަކަށް އެއްބަސްވުން ހަދާފައިވާކަމަށާއި، އޭގެ ތެރޭގައި އިންފްރާ ޕްރޮޖެކްޓްސް، ލައިން އޮފް ކުރެޑިޓްއައި ގުޅުންހުރި އެއްބަސްވުންތައް ހިމެނޭކަމުގައެވެ.
އެގޮތުން އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކާވާވަރުގެ ކަމެއް އޮތްނަމަ އެކަމެއް ވާހަކަ ދައްކައިގެން ހައްލުކުރަން ބޭނުންވާކަމަށް މޯޑީއަށްވެސް ދެންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްބަސް ނުވެވޭވަރުގެ ކަމެއް އޮވެގެން ނުވާނެކަމަށް މޯޑީއަށް ދެއްނެވިކަމަށް ވިދާޅުވަމުން ރައީސް ވިދާޅުހީ ހައިލެވެލް ކޮމިޓީއެއް އެކުލަވާލެވި ހުއްޓުމެއް ނައިސް ވަގުތުން ނިންމުންތައް ނިންމެން ބޭނުންވާކަމަށް ދެންނެވިކަމަށެވެ.
މޯޑީއާއެކީ ބޭއްވުނު ބައްދަލުވުމުހައި އެ ހުރިހާކަމެއް އެންޑޯސްކުރެވުނުކަމަށް ރައީސް ވިދާޅުވިއެވެ.