އައްޑޫގައި ހިނގި ގްރޫޕު މާރާމާރިއާއި ގުޅިގެން، އައްޑޫއަށް މާލެއިން އިތުރު ފުލުހުން ފޮނުވަން ނިންމައިފިއެވެ. ފުލުހުން ބުނީ، ނޮވެމްބަރު 29 ވަނަ ދުވަހުގެ ވަގުތެއް މާލޭގައި ހިނގާދިޔަ މާރާމާރިއާއި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރިއާ ގުޅިގެން މާލެއާއި އައްޑޫސިޓީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މާލެއިން އިތުރު ޓީމުތަކެއް އައްޑޫ ސިޓީއަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުންހުރި ފަރާތްތައް ހޯދައި ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
އައްޑޫ މާރާމަރިއާއި ގުޅިގެން އެކެއްގެ ހާލު ސީރިއަސްވެ އަންނަނީ އައިސީޔޫގައި ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ހިތަދޫގައި ދެ ގްރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ އިރު، މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ