ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އިންތިގާލީ މަރުހަލާގައި އާންމު ކުރި "ހަފްތާ 14″ ރޯޑް މެޕްގައި ހުރި ކަންކަން ފުއްދުމަށް 100 ދުވަސް ގުނާނީ ބަންދު ދުވަސްތައް ގުނައިގެން ކަމުގައެވެ.
އޭނާ ވިދާޅުވެފައިވަނީ "ހަފްތާ 14″ގައި އެކަށައަޅާފައި ހުރި ކަންކަން މުއްދަތަށް މިސަރުކާރުން ނިންމާނެ ކަމުގައެވެ.
ހާއްސަ ރަސްމިއްޔާތެއްގައި "ހަފްތާ 14″ ނަމުގައި ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓް އިފްތިތާހް ކުރެއްވީ އޭރުގެ އިންތިހާބީ ރައީސް މުއިއްޒެވެ. އެ މަގު ޗާޓުގައި 161 ވައުދު ފުރިހަމަކުރުމަށް ހިމެނެއެވެ. އެ ޗާޓުގެ މަސައްކަތް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ.
އެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ
މިނިވަންކަމާއި ސިޔާދަތު
އިސްލާމް ދީނާއި ގައުމިއްޔަތު
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީ
އިގްތިސާދާއި ތިމާވެށި
އަންހެނުން، ޒުވާނުން، ފަންނިއްޔާތު އަދި ކުޅިވަރު
ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތަމައު
ތައުލީމާއި ތަމްރީނު
ސަރުކާރުގެ ސިޔާސަތާއި ގާނޫނީ އިސްލާހު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި އެމަނިކުފާނު ދެއްކެވި ކޮންމެ ވާހަކަފުޅެއް، ކޮންމެ ލަފްޒެއް، އެ ކަމެއް ހަގީގަތުގައި ކޮށްދެއްވާނެ ކަމަށެވެ. އަދި އިއުލާން ކުރެވިގެން ދިޔައީ ފުރަތަމަ 14 ހަފުތާގައި މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މަދުވެގެން ހާސިލް ކުރައްވާނެ ކަންކަން ކަމަށާއި މަސައްކަތްޕުޅު ކުރައްވާނީ އެއަށް ވުރެ ގިނަ ކަންކަން ކުރެއްވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް ހަމައެކަނި ކުރާނެ ކަންކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވުޒާރާތަކާއި ކުންފުނިތަކުން އެ އަށް ވުރެ މާ ގިނަ ކަންކަން ވެސް ހާސިލް ކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ކެމްޕެއިންގެ ތެރޭގައި ދެއްކެވި ހުރިހާ ވާހަކަފުޅަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހިމެނޭ ހުރިހާ ވާހަކަފުޅެއް ހިމަނައިގެން ފޮތެއްވެސް މިހާރުވަނީ ނެރެފައެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވައުދުތައް ފޮތެއްގެ ސިފައިގައި ނެރުނީ ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވާށެވެ. އަދި ވައުދުތައް ފުއްދާ މިންވަރު ބަލަން ރައްޔިތުންނަށް ފަސޭހަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.