އާރުޑީސީން ގިނަ ޢަދަދެއްގެ ލިޔެކިޔުން ފުލުހުން ގެންގޮސްފި

އާރުޑީސީން ގިނަ ޢަދަދެއްގެ ލިޔެކިޔުން ފުލުހުން ގެންގޮސްފި

Author
އައިޝަތު އަޙްމަދު
15 ނޮވެމްބަރ 2023 10:14
0

އާރުޑީސީން ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް ފުލުހުން ގެންގޮސްފިއެވެ. ފުލުހުންގެ ޕިކަޕެއްގައި ގިނަ ޢަދަދެއްގެ ލިޔުން ގެންދިޔައީ ރޭގައެވެ.

އިއްޔެ ހެނދުނުން ފެށިގެން ރޭ ވަރަށް ލަސްވުމާއި ހަމައަށް ފުލުހުން ވަނީ އާރުޑީސީގައި ހަރަކާތްތެރިވެފައެވެ. ފުލުހުނ ްވަނީ ގިނަ އަދަދެއްގެ ބޮކްސް ފައިލްތަކާއި ކަރުދާސްތައް ފުލުހުންގެ ޕިކަޕަކަށް އަރުވައިގެން ގެންގޮސްފައެވެ.

ފުލުހުން އާރުޑީސީ އޮފީހަށް ވަދެފައިވަނީ ކޮން މައްސަލައެއްގެ ތަހުގީގަކަށް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މިހާރު ފުލުހުން ގެންދަނީ އެއިމާރާތުގައި ކޯޓު އަމުރެއްގެ ދަށުން ހަރަކާތްތެރި ވަމުންނެވެ. އާރުޑީސީއަކީ ކޮރަޕްޝަންގެ އެކި ތުހުމަތުތަކެއް މިފަހުން ފެންމަތިވި ކުންފުންޏެވެ.

އެގޮތުން އެ ކުންފުނީގެ ޕެޓީ ކޭޝްގެ މައްސަލައެއް ފެންމަތިވެ، އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ އެ މައްސަލަ ފުލުހުން ކުރިން ވެސް ތަހުގީގުކުރިއެވެ. އެ ތުހުމަތާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ އެކައުންޓަށް ޖަމާވެފައި ހުންނާނީ ޕެޓީ ކޭޝް ކަމަށާއި ތުހުމަތުކުރާނެ ސަބަބެއް ނޯންނާނެ ކަމަށެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު ވެސް ވަނީ އާރުޑީސީގައި ފަޅާއެރި 13 މިލިއަން ރުފިޔާގެ އެ މައްސަލަ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގައި ވައްކަމެއް ނުހިނގާ ކަމަށެވެ.

އާރުޑީސީން ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރަމުން ގެންދަނީ ރާއްޖޭގެ މާލީ ގާނޫނުތަކާއި ގަވައިދުތަކާ އަދި ކުންފުނީގެ ޕޮލިސީތަކާ އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެހެންވެ، ފައިސާއަށް ހިޔާނާތްތެރިވުމާއި ބޮޑެތި އަދަދުތަކުން ވައްކަންކޮށް މުވައްޒަފެއްގެ އަމިއްލަ އެކަައުންޓަށް، ކުންފުނީގެ މައި އެކައުންޓުން ފޮނުވޭނެ ގޮތެއް ނޯންނާނެ ކަމަށް އާރުޑީސީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.