ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ ރޭ ބޭއްވި ޖަލްސާއެއްގައެވެ. އަސްލަމް އެ މަގާމަށް އިންތިހާބުކުރީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިއްޔެ އިސްތިއުފަ ދެއްވުމުންނެވެ. އަސްލަމް މަޖިލިހުގެ ރައީސް ކަމަށް އިންތިހާބު ކުރުމަށް 53 މެމްބަރުން ވޯޓު ދެއްވިއެވެ.
މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު، އަސްލަމް ވިދާޅުވީ މަޖިލިހުގައި ދުވަސްތަކަކަށް ފަހު މަސައްކަތް ކުރެއްވުމަށް ފަހުގައި މަޖިލިހުގެ ރައީސް ކަމަށް ގެންނަން ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން މެމްބަރުން އިންތިހާބުކޮށް ދެއްވި ކަމަށްޓަކައި އެންމެހާ މެމްބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އިތުބާރު ކުރައްވައި، ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ހޮއްވަވައި ދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން." އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލިސްގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މެމްބަރުންގެ އެއްބާރުލެއްވުމާއި ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މަގާމުގެ ޒިންމާ އަދާކުރެއްވުމުގައި ރައްޔިތުންގެ މަސްލަހަތާއި މެމްބަރުންގެ މަސްލަހަތާއި ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަދި މިއަދާ ހަމައަށް މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަޖިލީހަށާ ރާއްޖޭގެ ބަރުލަމާނީ ނިޒާމަށް ކޮށްދެއްވި ބުރަ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
"19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އަޅުގަނޑުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން." އަސްލަމް ވިދާޅުވިއެވެ.
މީގެއިތުރުން ގާނޫނުއަސާސީ ގާނޫނުތަކާއި މަޖިލިހުގެ ގަވައިދުގައި ބަޔާން ކުރާ އުސޫލުތަކުގެ ތެރެއިން މަޖިލިސް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.