ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ނުގޮސްގެން މުޅި މަޖިލިސް މިހާރު އޮތީ ޑެޑްލޮކެއްގައެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ދެވަނަ ފަހަރަށް ހުށަހެޅުމާއެކު، ދައުލަތުގެ 3 ބާރުގެ ތެރޭގައި ހިމެނޭ އެއްބާރުގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް އައީއެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މެދުކެނޑި، މަޖިލިހުގެ ހުރިހާ މަސައްކަތެއްކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައިވަނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްގައި ރިޔާސަތު ބަލަހައްޓަވަންޖެހޭނީ މަޖިލީހުގެ ނައިބު ރައީސްކަމަށާއި، އަދި މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ކަންކުރަންވީ ގޮތެއް މަޖިލީހުގެ ގަވައިދުގައި އެގެން ނެތީސް، ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ނާއިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށްބުނެ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އުޒުވެވަޑައިގަތުމާއި ގުޅިގެންނެވެ.
މިމައްސަލައާއި ގުޅޭގޮތުން، އެމްޑީޕީން ބުނަމުންދަނީ، ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި މަޖިލިސް ރައީސްއާއި ނާއިބު ރައީސްއަށް ނުބެލެހެއްޓޭ ގޮތް ވެއްޖެނަމަ ދެން އަމަލުކުރާންޖެހޭ ގޮތް މަޖިހުގެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އަންނަ ގޮތަށް މަޖިލިހުގެ ގަވާއިދަ މާނަކޮށްގެން ނުވާނެ ކަމުގައެވެ.
ނަތީޖާއެއްގެ ގޮތުން، ސިޔާސީ ގޮތުން މިހާރު އެންމެ ހަތުރުވެރި ދެޕާޓީކަމަށް ބެލެވޭ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ޚިޔާލުތަފާތުވެ، މަސައްލަ މިހާރުވަނީ ސުޕްރިމް ކޯޓުގައެވެ. އަދި މައްސަލަ ހައްލުކުރުމުގެ އެންމެފަހު ދެން ބުނާނީ ސުޕްރިމް ކޯޓުންނެވެ.
ހަގީގީ މައްސަލައަކީ، މުއިއްޒު ހުވާކުރާ ރަސްމިއްޔާތުގައި އިންނަވަން ނަޝީދު ބޭނުންވުން!
ދައުލަތުގެ 3 ބާރުގެ ތެރޭގައި ހިމެނޭ އެއްބާރު ހުއްޓުމަކަށް އައިސްފައި އޮތް މައްސަލާގެ އެންމެ ފުނަށް ދަތުރުކުރާއިރު، ފެންނާން އޮތީ ރައްޔިތުންގެ މަޖިލިހުގެ ގާވައިދު ނޫންކަމަށްވެސް ދެންނެވިދާނެއެވެ. އަދި އެމައްސަލަ ގުޅިލާމެހިފައި އޮތީ ނަޝީދު މަޖިލިހުގެ ރިޔާސަތުގައި އިނުމާއި ނީނުމުގެ މައްޗަށް ނޫންކަމަށްވެސް ދަންނަވާން ޖެހެއެވެ.
އޭގެ އެއްސަބަބަކީ މިމައްސަލައާއި ގުޅޭގޮތުން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން މިހާތަނަށް ދައްކަވަމުން ގެންދަވާފައިވާ ވާހަކަތަކެވެ. އަދި އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އަދިވެސް ރައްޔިތުންގެ މަޖިލިހުގައި އޮވެމެ، ރިޔާސަތުގައި ނަޝީދަށް ދިގުމުއްދަތަކަށް އެކި އުޒުރު ދައްކަވައިގެންވެސް ނީންނެވޭކަމުގައި ޚުދު ނަޝީދުވެސް ގަބޫލުކުރައްވާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ހަމައެއާއެކު، މިމައްސަލައާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިހާތަނަށް ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، އެޕާޓީން ބުނަމުން އައިސްފައިވަނީ، އިތުބާރު ނެތް ރައީސަކު އިންނަވައިގެން އާ ރައީސް ހުވާ ކުރައްވައިފިނަމަ، އެ ހުވާގެ ސައްހަކަން އެޕާޓީން ގަބޫލު ނުކުރާނޭ ކަމުގައެވެ. އަދި އެއަށްފަހު، ސައްހަ ނޫން ހުވައެއް ކުރައްވައިގެން ހުންނެވި ރައީސަކު މަޖިލިހަށް ފޮނުއްވާ ކެބިނެޓަށްވެސް އެމްޑީޕީން ރުހުން ނުދޭނަކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
ރާއްޖެ ޓީވީން ނެގެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީ މަޖިލިސް މެމްބަރު އަލީ ނިޔާޒު ވިދާޅުވެފައިވަނީ ބޭރުން އޭނާއަށް އިވިލައްވާ އަޑުތަކަށް ބަލާއިރު ޑިމޮކްރެޓުންގެ ވިސްނުން ހުރީ މި މަހު 17އާ ހަމައަށް އިތުބާރުގެ މައްސަލަ ގޮތެއް ނުނިންމާ ދިގު ދެންމޭނެހެން ކަންކަން ރޭވުމަށް ކަމަށެވެ.
އަޅުގަނޑުމެންނަށް ދާ މިސްރާބަށް ބަލައިފި ނަމަ އެއީ މި ކަން ކުރަން އުޅުއްވާ ގޮތް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ.
އޭނާ ވިދާޅުވިއެވެ.
އަލީ ނިޔާޒު ވިދާޅުވީ ނަޝީދުގެ އިތުބާރުގެ މައްސަލަ ލަސް ކުރުމުގެ ހަގީގީ މަގުސަދަކީ ނަޝީދު އިންނަވާ ރިޔާސަތުގައި ޑރ. މުއިއްޒު ހުވާކުރުމުގެ ޖަލްސާ ބޭއްވުމަށް ކަމަށެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އައު ސަރުކާރަކީ ޑިމޮކްރެޓުންގެ ބައިވެރިވުމާ އެކު އިންތިޚާބުވި ސަރުކާރެއް ކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލުކުރާތީކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވާ ކަމަށް އެ ބޭފުޅުންނަކީ ވެރިކަން ގެނައުމަށް ޓަކައި މަސައްކަތް ކުރެއްވި ބޭފުޅުންކަމަށް. އެހެންވީމާ ޑިމޮކްރެޓުންގެ ރިޔާސަތެއްގައި މުއިއްޒު ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަކީ އެ ބޭފުޅުން ބޭނުންފުޅުވާ ކަމެއް ކަމަށް. އަދި އެ ކަމަށް ކޮންމެ ވެސް ވަރެއްގެ އަންޑަސްޓޭންޑިންއެއް އޮތްކަމަށް.
ނިޔާޒު އިތުރަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، އާ ރައީސް ޑރ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި ނަޝީދު އިންނެވުމަށް ބޭނުންފުޅުވެގެން، އިތުބާރުނެތްކަމުގެ މައްސަލަ ދިގު ދެންމުމަށް މަރުފަލި ޖައްސަވަމުން ގެންދެވިނަމަވެސް، ޑރ. މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި ވަކި ބޭފުޅަކު އިންނެވުމާއި ނީންމެވުމަށް ޕީޕީއެމް/ޕީއެންސީން ވަކި ބޭފުޅަކު އިޚްތިޔާރުކުރުމަށް އިސްކަން ދީފައި އޮތްތަނެއް ފެންނާކަށް ނެތެވެ.
އޭގެ ސަބަބަކީ ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތަކުގައި، މަޖިލިސް ހުއްޓުމަކަށް ގެނެސްފައިއޮތީ ގާނޫނާއި ޚިލާފަށްކަމާއި، އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަހެއް އޮތްކަމަށް އެޕާޓީންވެސް ނުދެކޭކަމަށް ވަކާލާތު ކޮށްފައިވާތީއެވެ.
ނަޝީދަށް ރިޔާސަތުގައި އިންނެވޭނެކަމުގެ އުއްމީދު ކުޑަ!
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށް އެންމެފަހުން އެމްޑީޕީން މަޖިލިހަށް ވެއްދި ޕެޓިޝަންގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެމްބަރަކު ސޮއިކޮށްފައި ވެއެވެ. އެގޮތުން، ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުންގެ އަދަދަށް އެކަނި ބެލިކަމުގައިވި ނަމަވެސް، ނަޝީދު މަޖިލިސް ރިޔާސަތުން ދުރު ކުރުމަކީ މަޖިލިހުގެ ފްލޯއިން މާބޮޑު ގޮންޖެހުމަކާ ކުރިމަތިވާން އޮތް މައްސަލައެއް ކަމުގައި ބެލެވޭކަށް ނެތެވެ.
އެހެންކަމުން، މުއިއްޒު ހުވާކުރައްވާ ޖަލްސާގެ ރިޔާސަތުގައި ނަޝީދަށް އިންނެވުމަށް އޮތް ހަމައެކަނި ފުރުސަތެއްގެ ގޮތުގައި މިހާރު ބެލެވެން އޮތީ، ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލިހުގައި ބާއްވަންޖެހޭ ޖަލްސާ އެއް އުޒުރަކަށްފަހު އަނެއް އުޒުރެއް ދައްކަވައިގެވެސް ކުރިޔަށް އޮތް އެއް ހަފްތާގެ މުއްދަތަށް ދިގު ދަންމާލެވުމެވެ.
އެހެންނަނަމަވެސް، މިމައްސަލަ މިހާރު ކުރިޔަށްދާ މިސްރާބާއި އަދި ސްޕީޑަށް ބަލާއިރު، މިހާރު ގަބޫލުރާންޖެހިފަ އޮތް އެއް ހަގީގަތަކީ އެފުރުސަތުވެސް މިހާރު ހަނިވަމުންދާ ކަމަވެ. މިމައްސަލައާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގައި މިހާރު ކުރިޔަށްދާ އަޑުއެހުމުގައި ޖަވާބުދާރީ ވުމަށްވެސް ޑިމޮކްރެޓުން އިތުރު އެއްދުވަސް ބޭނުންވާކަމަށް ބުނުމުން، އެއަޑުއެހުން އެއްދުވަހަށް ދިގު ދަންމާ މިއަދަށްވަނީ އިތުރު އަަޑުއެހުމެއް ތާވަލް ކޮށްފައެވެ. ބެލެވޭ ގޮތުގައި މިއަދު މިމައްސަލާގެ އަޑުއެހުންތައް ނިމިގެން ދާނެއެވެ. އެއާއެކު ދެން އޮންނާނީ މައްސަލާގެ ހުކުމް އިއްވުމެވެ.
ސުޕްރިމް ކޯޓޫގެ ހުކުމާއެކު، ނަޝީދުގެ އިތުބާރުގެ މައްސަލަ ދެން ކުރިޔަށްދާނެ ގޮތެއް ސާފުވެގެން ދާނެއެވެ.
ގަބޫލު ކުރެވޭގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްއާ ނުލާވެސް މަޖިލިސް ކުރިޔަށް ގެންދެވޭނެ ގޮތެއް އެހާތަނުން ސާފުވެގެން ދާނެއެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ނަޝީދު ރިޔާސަތުން ދުރުކުރުމަށް އޮތް ހުރަސް އެހާތަނުން ނެތިގެން ދިޔައީއެވެ. އެހެންކަމުން، ޑރ. މުއިއްޒު ހުވާ ކުރައްވާނީ ނަޝީދު ނޫން ރައީސަކު މަޖިލިސް ރިޔާސަތުގައި އިންނަވައިގެން ކަމުގައި ގަބޫލުކުރުމުގެ ފުރުސަތު ބޮޑުކަމުގައި ދަންނަވާން ޖެހެއެވެ.