މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިއަދު އިއުލާން ކުރައްވައިފިއެވެ.
ނަރީޝް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށެވެ.
ނަރީޝް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.
މަޖިލިހުގައި ވާދަކުރައްވަން ނިންމެވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ." މާލޭގެ މޭޔަރު ކަމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނަރީޝް ވިދާޅުވިއެވެ.
ނަރީޝް މާލެ ސިޓީ ކައުންސިލްގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ 2021 ވަނަ އަހަރުގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމާ ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އިސް ސަފުގައި އޭނާ ހުންނެވި އިރު، ބައެއް މުޒާހަރާތަކާ ގުޅިގެން އޭނާ ހައްޔަރު ވެސް ކުރިއެވެ.
މީގެއިތުރުން ނަރީޝް ވަނީ ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތައް ވެސް ހުށަހަޅުއްވައި ދެއްވައިފައެވެ.
ކޮމެންޓު ފޮނުވާ