އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާއި ގުޅޭ ޖިނާޢީ ތަހްގީގަށް ބޭނުންވާ ހެކި ހޮދުމުގެ މަސައްކަތަށް އެފްއޭއެމް ފާސްކުރަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެންގުމަށް ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުޢާމަލާތްތަކާއި ގުޅޭ ޖިނާޢީ ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު ޢަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އެފްއޭއެމްގެ ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، އެފްއޭއެމްގެ މާލީ ގިނަމައްސަލަތަކެއް ހުރިކަން ކުޅިވަރުގެ ދާއިރާގެ އިސް ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް މާލީ ޙާލަތު ދަށވެ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭކަމަށް އެތަނުގެ ބައެއް މުވައްޒަފުން ފާހަގަކުރެއެވެ.
ޕީޖީ އޮފީހުން ބުނީ،ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މައްދާގެ (ޅ) އާއި ޤާނޫނު ނަންބަރު: 9/2008 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންގާއި، ވައްކަމާއި، ޚިޔާނާތާއި، މަކަރާ ޙީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެ ކަމެއް ތަޙުޤީޤުކޮށްދެއްވައި، އެ މައްސަލައިގައި ދަޢުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މި އޮފީހަށް ފޮނުއްވުމަށް އަމުރު ކޮށްފައިވެއެވެ.
އެފްއޭއެމްގެ މައްސަލަތަކާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އެ މަޤާމުން ދުރުކުރުމުގެ ކެމްޕެއިނެއްވެސް ދަނީ ހިންގަމުންނެވެ.