ރައީސް މުޢިއްޒުގެ އިޞްލާހީ ޕްރޮގްރާމް ރަނގަޅަށް ތަންފިޒްކުރުމަށް މަޖިލީހުގެ މެޖޯރިޓީ މުހިންމު: އަދުރޭ

ރައީސް މުޢިއްޒުގެ އިޞްލާހީ ޕްރޮގްރާމް ރަނގަޅަށް ތަންފިޒްކުރުމަށް މަޖިލީހުގެ މެޖޯރިޓީ މުހިންމު: އަދުރޭ

Author
އައިޝަތު އަޙްމަދު
19 އޮކްޓޯބަރ 2023 08:33
0

އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ އިޞްލާހީ ޕްރޮގްރާމް ތަންފީޒްކުރެއްވުމަށް އަންނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ޕީޕީއެމް/ޕީއެންސީއަށް ބޭނުންވާކަމަށް، ޕީއެންސީގެ ޗެއަރޕާސަން އަދި ޓްރާންސިޝަނަލް ކޮމިޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރާއްޖޭގައި ހިންގަނީ ރިޔާސީ ނިޒާމެއްކަމަށާއި، އެނިޒާމުގައި ވެރިކަން ހިންގަން ސަރުކާރުގެ މެޖޯރިޓީ މުހިންމުވާކަމަށެވެ.  މަޖިލީހުގެ މެޖޯރިޓީ މުހިންމުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، ގާނޫނު އަސާސީން އެކުލަވާލައިދިން ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހެދުމާއި ގާނުއަސީ އިސްލާހުކުރުމުގެ ބާރުވެސް އޮތް މަޖިލިސްކަމަށެވެ. މިގޮތުން ރައީށް މުޢީއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަށް ވަރަށް ގިނަ ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާހުތައް އެބަހުރިކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ އިޞްލާހުތައް ގެނެސްގެން މެނުވީ އައު ސަރުކާރުގެ އިސްލާހީ ބަދަލުތައް ނުގެނެވޭނެކަމަށްވެސް ޢަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ މެޖޯރިޓީ އޮވެގެން މެނުވީ ޤާނޫނު އަސާސީއަށް އިޞްލާހު ނުގެނެވޭނެކަން ޢަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ޚިދުމަތް ފޯރު ކޮށްދިނުމާއި، ގައުގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިގުލާލު ރައްކާތެރި ކުރުމަށާއި، އިޤްތިޞާދީ ކުރިއެރުންތައް ހޯދުމަށްޓަކައިވެސް ގާނޫނުތަކަށް ބަދަލު ގެންނަން އެބަޖެހޭ. އަދުލު އިންސާފާ ގާއިމުކުރުމުގެ ދާއިރާއަށް ބަލާލިއަސް އެބަހުރި ބޮޑެތި ކަންކަން. މިހުރިހާ ކަމަކަށް ބަލާއިރު ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދެވޭނީ.

– ޢަބްދުއްރަހީމް ވިދާޅުވިއެވެ.

މިސަރުކާރަށްވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތްކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވަނީ، އޭގެ ބޭނުން މިސަރުކާރުން ނަހަމަގޮތުގައި ބޭނުންކުރާކަމަށް ވިދާޅުވެފައެވެ. މިގޮތުން މިސަރުކާރުގެ އެއް ވައުދަކީ ޖޭއެސްސީ އެކުލެވިގެންވާގޮތް ބަދަލުކޮށް، ސިޔާސީ މީހުންގެ ނުފޫޒުން އެތަން މިނިވަންކުރުންކަމަށާއި، ނަމަވެސް ދައުރު މިނިގެންދާއިރުވެސް އެކަން ނުކުރެވުނުކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާލުވެފައިވާއިރު، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ، މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ހޯއްދެވުމަށް ޕީޕީއެމް ޕީއެންސީއާއި، އެކޯލިޝަންގައި ހިމެނޭ ޕާޓީތަކާއެކު މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ މަޖިލީހުގައި 93 މެންބަރުން އިންތިޚާބުކުރާއިރު، މަދުވެގެން 60 މެންބަރުން އެކޯލިޝަނުން ކާމިޔާބުކުރުމަށް މަސައްކަތްކުރައްވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ބޮޑަށް ރައްޔިތުން ބަލައިގަންނަ ބޭފުޅުންނަށް ވާން ބޭނުން. އަދި އަންހެން ބޭފުޅުން އަޅުގަނޑު ބޭނުން ވަރަށް ގިނަ ކުރަން. އެންމެ ރަނގަޅު ގޮތަކީ ތިންބައިކުޅަ އެއްބަޔަކީ އަންހެން ބޭފުޅުންނަށް ވާން. މިވަގުތު އެކަހަލަ ޤާނޫނެއް ނެތް. ކައުންސިލް ޤާނޫނުގަ އެބައޮތް. އެކަމު މަޖިލިސް ޤާނޫނުގައި ނެތް.

– އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

މުޅި މަޖިލީހުގެ ތިންބައިކުޅަ ދެބައި ހޯދުމަކީ އަމާޒުކަމަށާއި، އެކަން ހާސިލްވާނެކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ. މަޖިލިސް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.