މިހާރު މި ހިނގަމުންދާ އިންތިގާލީ މަރުހަލާގައި ދައުލަތުގެ ގިނަ މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިިއިރު ވަރަށް ގިނަ އިދާރާތަކާއި މުއައްސަސާތަކަށް ޒިޔާރަތް ކުރެވި، ގާތްގަނޑަކަށް ފުރަތަމަ ބައްދަލުވުންތައް ނިމިފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް އިދާރާތަކާ އެކީގައި އިތުރު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން 15 ޓްރާންސިޝަނަލް ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އޭގެ ތެރެއިން ހަތް ކޮމިޓީއަކުން ސަރުކާރު ކުންފުނިތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާ އިރު، އަށް ކޮމިޓީއަކުން ސަރުކާރުގެ މިނިސްޓްރީތަކާއި އެކި އެކު ވުޒާރާތަކުން މައުލޫމާތު އެއް ކުރާނެއެވެ.
"އިތުރު ބައްދަލުވުންތައް އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ބާއްވަމުން މިދަނީ އެ އިދާރާއެއްގެ މަސައްކަތުގެ ޕޯޓްފޯލިއޯ އަށް ބަލާ އިރު ޕޯޓްފޯލިއޯ ބޮޑުކޮށް ނުވަތަ މެންޑޭޓް ބޮޑުކޮށް ހުންނަ ބައެއް އިދާރާތައް. މިސާލަކަށް ހައުސިން މިނިސްޓްރީ. ކުންފުނިތަކަށް ބަލައިފި ނަމަ، މިސާލަކަށް އެމްޓީސީސީ ކަހަލަ ކުންފުނިތައް. އޭގެ އިތުރަށް މުއައްސަސާއެއް، އިދާރާއެއް ނުވަތަ ކުންފުންޏެއްގެ މަސައްކަތުގެ ޒާތުން މަސައްކަތް ފުޅާކޮށް ބޮޑުކޮށް އޮންނަ ކުންފުނިތަކާ އެކުގައި އިތުރު ބައްދަލުވުންތައް ޓްރާންސިޝަން ކޮމިޓީތަކުން ކުރިއަށް އެބަގެންދޭ،" އައިޖީއެމްއެޗާއި ހެލްތު މިނިސްޓްރީގެ ނަން ވެސް ފާހަގަކޮށް ފިރްޒުލް ވިދާޅުވިއެވެ.
ފިރްޒުލް ވިދާޅުވި ގޮތުގައި ބައްދަލުވުންތަކުން ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ދަނީ ފެންނަމުންނެވެ.
އެއް ކަމެއްގެ ގޮތުގައި ފިރުޒުލް ވިދާޅުވީ މިނިސްޓްރީއެއްގެ ބަލަދުވެރިކަމުގެ ދަށުގައި ހަމަޖެއްސިފައި ހުންނަ ތަންތަނަކީ އޭގެ ޒާތުގައި އިލްމީ، ފަންނީ މަސައްކަތްތަކެއް ކުރުމަށް ގާނޫނު ތަންދޭ ތަންތަން ކަމަށެވެ. ނަމަވެސް އެ މުއައްސަސާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒް ވަދެފައިވާތީ، ގާނޫނުން ތަސައްވަރު ކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަން ފާހަގަ ކުރަމުންދާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.
ޓްރާންސިޝަނަލް ކޮމިޓީތަކަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކަންކަން ވިލަރެސްކުރައްވާ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ ދަށުން މަސައްކަތް ކުރާ ކޮމިޓީތަކެކެވެ. އެ ކޮމިޓީތަކުން ކުރާގެ މައިގަނޑު މަސައްކަތަކީ ވެރިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމެވެ.
ކޮމެންޓު ފޮނުވާ