އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފައިސާ ހޯދަން ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ޓެލެތޯންއެއް ބާއްވަން ނިންމައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ޣައްޒާގައި ތިބި ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ މީޑިއާތަކާ ގުޅިގެން ބާއްވާ ޓެލެތޯން ކަމަށާއި މި ޓެލެތޯން އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް ނާއިފް ވިދާޅުވިއެވެ.
ޓެލެތޯންގެ އިތުރުން ފަލަސްތީން ރައްޔިތުންނަށް އެހީވުމުގެ ގޮތުން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސްނަގައިގެން ފަންޑު ފޮށި ބަހައްޓަން އޭނާ އެދިވަޑައިގެންނެވިއެވެ.
ފަލަސްތީން ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކުރުމުގެ ގޮތުން ހުކުރު ދުވަހު މާލެ އާއި ބައެއް ރަށްރަށާއި ސިޓީތަކުގައި އެއްވުންތައް ވަނީ ބާއްވަން ނިންމައިފަ އެވެ.
ފަލަސްތީނުގެ މުޖާހިދުންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުން ދަނީ ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ބަޔެކެވެ. އެ ގައުމަށް އެހީވުމަށް އެކި ފަންޑުތަނާއި ފައިސާ އެއްކުރުމުގެ ގިނަ ހަރާތްތަކެއް އަބަދުވެސް ދިވެހިން ހިންގައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ހަރަކާތްތައް ވެސް ބާއްވައެވެ.