ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ރާއްޖެ ބަލިކޮށްފި ނަމަ ބަންގްލަދޭޝް ގައުމީ ޓީމުގެ މެމްބަރުންނަށް ބޮޑު ބޯނަހެއް ދޭން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން ނިންމަވައިފިއެވެ.
ކާޒީ ވަނީ މިދިޔަ ހޮނިހިރު ދުވަހު ބަންގްލަދޭޝް ޓީމުގެ ތައްޔާރީތައް ބައްލަވާލައްވައި، ކުޅުންތެރިންނަށް ހިތްވަރު ދެއްވައިފައެވެ. "ކޮލިފައިންގެ ޕްލޭއޮފް މެޗްތަކުން ރާއްޖެ ބަލި ކުރެވިއްޖެ ނަމަ ތި އެންމެންނަށް ވަރަށް ރަނގަޅު ބޯނަހެއް ލިބޭނެ،" ބަންގްލަދޭޝް ފެޑެރޭޝަންގެ ރައީސް ކާޒީ ވިދާޅުވެފައި ވެއެވެ.
ބަންގްލަދޭޝް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ކޮންމެ ކުޅުންތެރިއެއް/އޮފިޝަލަކަށް ގާތްގަނޑަކަށް 1000-1500 ޑޮލަރުގެ ބޯނަހެއް ދިނުމަށް ވަނީ ނިންމައިފައެވެ.
ކޮލިފައިންގެ ދެވަނަ ބުރުން ފުރުސަތު ހޯދަން ރާއްޖެ އާއި ބަންގްލަދޭޝް އަށް ވެސް އޮތީ ޕްލޭއޮފް ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބު ކުރުމެވެ. ފުރަތަމަ ބުރުން ކާމިޔާބު ހޯދައިގެން، ދެވަނަ ބުރުގައި ވާދަ ކުރަން ޖެހޭނީ އޮސްޓްރޭލިއާ އާއި ފަލަސްތީނު އަދި ލެބަނަންއާއެވެ. އެންމެ ފަހުގެ ފީފާ ރޭންކިން އަށް ބަލައިލާއިރު، ދިވެހިރާއްޖެ އޮތީ 155 ވަނައިގައެވެ. އަދި ބަންގްލަދޭޝް އޮތީ 189 ވަނައިގައެވެ.
ބަންގްލަދޭޝް ވަނީ މި އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 3-1 އިން ރާއްޖެ ހިތްދަތި ކޮށްލައި، ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ ދެ މެޗު އޮންނާނީ މި މަހުއެވެ. އެ ގޮތުން، އަންނަ ބުރާސްފަތި ދުވަހު ހަވީރު 16:00 ގައި މާލޭގައި ފުރަތަމަ ލެގު ކުޅޭނެއެވެ. ދެ ވަނަ ލެގު އޮންނާނީ މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގައެވެ.