ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އަމިއްލަފުޅު ރައުޔެއް ދެއްވާނަމަ، ތާއީދު ކުރައްވާނީ ރިޔާސީ ނިޒާމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ނާކާމިޔާބަށް ފަހު ރައީސް މިހާރު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވަނީ ރިޔާސީ ނިޒާމު ކަމަށާއި އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެމަނިކުފާނާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ 4 ބައި ކޮށްފަ 3 ބައި މެމްބަރުންގއެ ތާއީދާއިއެކު ގެންނަ އިސްލާހަކުން ނޫނީ ރައްޔިތުންގެ ފެންނަ ނުފެނަނަ ވޯޓަކަށް ދިއުމަކީ ތާއީދު ކުރެވޭނެކަމެއް ނޫންކަމަށެވެ.
ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.
ރައްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ މަސައްކަތުގައި މިހާތަނަށް ރައީސް ނަޝީދާއި ބައިއަތު ހިފާ އެއްވެސް ސިޔާސީ ލީޑަރެއް ނެތެވެ. ރިޔާސީ އިންތިޚާބަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރާނެކަމަށް ވިދާޅުވެފައެވެ.
އަދި ޕީޕީއެމް/ޕީއެންސީގެ އިންތިޚާބީ ކެންޑިޑޭޓް ޑރ. މުއިއްޒުވެސް ވަނީ ތާއީދު ކުރައްވާނީ ރިޔާސީ ނިޒާމަކަށް ކަމަށް ވިދާޅުވެފައެވެ.