މިހާރުވެސް އެންމެ ބޮޑު އިސްކަމެއްދީގެން ކުރަންވީ ކަމަކީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހުރި ބަރުލަމާނީ ސިފަތައް އުވާލުން ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފެންނަން އޮންނަ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން ސިޔާސީ އެކި ބޭފުޅުންނާއި، އާންމު ރައްޔިތުން ފާޅުކުރަމުންދާ ޝުޢޫރުތަކާއި ގުޅިގެން ޑރ.އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ނިޒާމުގެ ތެރެއިން މިހާރުވެސް ބަރުލަމާނީ ސިފަތައް ފެންނަމުންދާކަމަށެވެ. ނިޒާމު ހަރުދަނާކޮށް، ރަނގަޅު ސިސްޓަމެއްގެ ތެރެއިން ވެރިކަން ކުރެވޭނީ މިހާރުގެ ނިޒާމުގެ ތެރޭގައި ހުރި ބަރުލަމާނީ ސިފަތައް ނައްތާލައިގެންކަމަށް ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގ. އަސާސީގައި މިހާރު ހުރި ބަރްލަމާނީ ނިޒާމުގެ ސިފަތައް އުވާލައި، ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސެސް ގެ ނިޒާމް ހަރުދަނާކުރުން.
– ޑރ.އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ތެރެއިން ބަރުލަމާނީ ނިޒާމުގެ ނުފޫޒުގަދަ ބައެއް ސިފަތައް މަޖިލިސް ތެރެއިން ފެންނަމުންދާކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ސަރުކާރު ޖަވާބު ދާރީ ކުރުުމުގެ ނަމުގައި މަޖިލީހަށް ލިބިގެން ނުވާ ބައެއް ބާރުތަކުގެ ބޭނުންކޮށް މަޖިލިސް ތެރެއިން ތަހުގީގް ކުރުމާއި، ދައުވާ ކުރުންފަދަ ކަންކަން މަޖިލިސް ތެރެއިން ދަނީ ކުރަމުންނެވެ.
ބަރުލަމާނީ ސިފަތަކުގެ ތެރެއިން ވަޒީރުން މަޤާމުތަކުން ވަކިކޮށް، ވަޒީރުންގެ މަސައްކަތަށް ހުރަސް އެޅޭހެން މަޖިލިސް ތެރެއިން ދަނީ ގިނަ މަސައްކަކްތަކެއް ކުރަމުންކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޖުޑީޝަރީގެ ހިންގުމުގެ ކޮންޓްރޯލްވެސް މަޖިލީހުން ބޭނުންވާ ގޮތަށް، މަޖިލީހުގެ ތެރެެއިން ނިންމާ ނިންމުންތަކަށް ވަނީ ވެފައެވެ. މިކަންކަމަކީ ރާއްޖޭގެ މިހާރު އަމަލު ކުރަމުންދާ ރިޔާސީ ނިޒާމާއި ބީރައްޓެހި ބަރުލަމާނީ ނިޒާމުގެ ސިފަތަކެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިކަންކަން މަޖިލިސް މެދުވެރިކޮށް ކުރަމުންދަނީ ރައީސް ނަޝީދު ބޭނުންވާ ބަރުލަމާނީ ނިޒާމު ގެނައުމަށް ފަސޭހައަކަށް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާއިރު، ރާއްޖޭގައި ދެން ތިއްބެވި އެއްވެސް ސިޔާސީ ލީޑަރެއް ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ނުކުރައްވައެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ.
ކޮމެންޓު ފޮނުވާ