ރައީސް، ރިޔާސީ ކެމްޕެއިނަށް އައްޑު އަށް ވަޑައިގެންފި

ރައީސް، ރިޔާސީ ކެމްޕެއިނަށް އައްޑު އަށް ވަޑައިގެންފި

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 09:11
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރިޔާސީ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު އައްޑު އަށް ވަޑައިގެންނެވީ މޯލްޑިވިއަންގެ ފްލައިޓެއްގައި ރޭ ދަންވަރުގެ ވަގުތެއްގައެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީގައި ކެމްޕެއިން ކުރެއްވުމަށް ފަހު، ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ފުވައްމުލައް ސިޓީއަށާއި ގދ. ތިނަދޫ ސިޓީއަށެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހް ބޮޑަށް މަސައްކަތް ކުރެއްވީ މާލެ ސިޓީގައެވެ. އެގޮތުން އެމަނިކުފާނު ވަނީ މާލޭގެ ގިނަ ދާއިރާތަކެއްގައި ޑޯޓުޑޯގެ ހަރަކާތްތައް ހިންގަވައިފައެވެ. އެގޮތުން ބައެއް ގޭގެއަށް ވަޑައިގެން، ރައްޔިތުންގެ ޝަކުވާތައް އަޑު އައްސަވާފައިވެއެވެ.

ރައީސް މި މަހުގެ 7 ގައި ވެސް އައްޑުއަށް ވަޑައިގަތެވެ. އެއީ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށެވެ. މިއީ ރިޔާސީ ކެމްޕެއިންގައި ރައީސް އައްޑު އަށް ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ.

ރައީސް މީގެކުރިން ވިދާޅުވީ، ރައްޔިތުން ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތީ އުންމީދު ކުރި ގޮތަށް ނޫން ކަމަށާއި ނަމަވެސް ބައެއް ފަހަރު އެފަދަ ހާލަތްތައް އިންތިހާބުތަކުގައި މެދުވެރިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރަށް އެބޭފުޅުން ނުކުންނަނީ އެ އަޒުމުގައި ކަމަށާއި އެޓީމު އެއޮތް ގޮތަށް މަސައްކަތް ކުރެވިއްޖެނަމަ، ބޮޑުތަނުން ކާމިޔާާބު ކުރެވޭނެ ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރު ނިމިގެން ޖެހުނު މައްސަލަތައް ބަލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަންކަން ދެނެގަނެވި އަނެއްކާ ވެސް އެމަސައްކަތް ފޯރިއާއި ޖޯޝާއި އެކީ ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ގިނަ ވޯޓާ އެކު، ދެ ވަނަ ބުރުގެ އިންތިހާބުގައި ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.