ގޯތި/ފްލެޓް ލިސްޓުން ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ގޯއްޗަށް ކުރިމަތިލެވޭނެ: ރައީސް

ގޯތި/ފްލެޓް ލިސްޓުން ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ގޯއްޗަށް ކުރިމަތިލެވޭނެ: ރައީސް

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 08:49
0

އާއިލާގެ ބަޔަކާ އެކުގައި ގޯއްޗަށް ކުރިމަތިލައިގެން ގޯތި ލިބުނު މީހުން، އެ ލިސްޓުން ވަކިވެ، ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގައި ބައިވެރިވެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނާ ބައްދަލުކުރެއްވި ކަމަށާއި އެމީހުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކެއް ހުރި ކަމަށެވެ.

އެ ބައްދަލުވުމުގައި، އާއިލާގެ އިތުރު ބަޔަކާ ބައިވެރިވެގެން ގޯއްޗަށް ކުރިމަތިލި މީހުންނަށް، މި ސަރުކާރުން އިތުރަށް ހުޅުވާލާ ގޯއްޗަށް ކުރިމަތިލެވޭނެ ކަމާ މެދު ސުވާލު އުފައްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޖޮއިންޓް ވެގެން ހޯދާފައިވާ ބިމުގެ އެއްބަސްވުމުން ނިކުމެ ސިންގަލް އެޕްލިކެންޓެއްގެ ގޮތުގައި ކުރިއަށް އޮތް ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުރިހާ ބޭފުޅުންނަށް އޮންނާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ބައްދަލު ކުރި މީހުން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ލިބިދާނެތޯ ސުވާލު ކުރިއެވެ. އަދި ދައުރު ނިމުމުގެ ކުރިން ރަޖިސްޓްރީ ހަވާލް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއް ކަމަކަށް އެބޭފުޅުންގެ ފަރާތުން އެދުނީ ކިހާ ޔަގީންކަމެއް އެބައޮތްތޯ މި ސަރުކާރު ނިމުމުގެ ކުރިން ގޯތު ދޫކޮށް ރަޖިސްޓްރީ ލިބޭނެ ކަމުގެ. ޔަގީންކަން މި އަރުވަނީ މި ދައުރު ނިމުމުގެ ކުރިން، ފަހެއް ނޮވެމްބަރު ވާން ވާއިރަށް ވައުދުވެފައިވާ އޮތް ގޮތައް ރަޖިސްޓްރީ ހަދާ ގޯތީގެ އިން ވަކިކޮށްފައި ހަވާލުކޮށްދޭނަން. އެ ރަޖިސްޓްރީ ވާނީ ގާނޫނީ ހުރިހާ ހަމައެއް ހަމަވާ ލިޔުމަކަށް." ރައީސް ވިދާޅުވިއެވެ.

ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކުން ވެސް އޮޅުން ފިލުވަން ބޭނުން ކަންތައްތަކެއް ހުށަހެޅި ކަމަށާއި އެ ފަޅަކީ ހިއްކަމުންދާ ތަނަކަށްވާތީ އެތަން ހިއްކާ ބިމުން އިން ވަކިކޮށް އެ ފަރާތްތަކަށް ގޯތި ހަވާލުކުރާނެތޯ ޔަގީންކޮށްދިނުމަށް އެދުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަމާޒަކީ ފަހެއް ނޮވެމްބަރު ވާއިރު ގިރާވަރު ފަޅު ވެސް ހިއްކާ އެތަނުން އިން ވަކިކޮށް ގޯތި ހަވާލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެތަނުގައި ބޭނުންވާ ފެނާ ނަރުދަމާ އާއި ކަރަންޓާއި މަގު ހެދުމުގެ މަސައްކަތް އެތަން ހިއްކުމުގެ މަސައްކަތް ނިމުމާއިއެކުގައި ފަށާނެ ކަމަށާއި އެތަންތަނުގައި އިމާރާތް ކޮށް ނިމެންވާއިރަށް، އެންމެ ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ހުރިހާ ތަނެއްގައި އެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.