ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭ ގޮތް ހަދަނީ

ރިސޯޓް މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ލިބޭ ގޮތް ހަދަނީ

Author
އަހުމަދު
27 ސެޕްޓެމްބަރ 2023 08:41
0

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، ޗާންދަނީ މަގުގެ ކަންމަތީގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަރަށް ގިނަ އާއިލާތަކެއް ބަލަހައްޓަމުންދާ ބައެއް ކަމަށެވެ. އެ މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކާއި ސަރުކާރުން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ އެ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ރިސޯޓް މުވައްޒަފުން އެމަނިިކުފާނާއި ބައްދަލުކޮށް ވިދާޅުވި ކަމަށާއި ނަމަވެސް އިތުރަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއްގެ ލަފާ އެ މުވައްޒަފުންގެ ފަރާތުން ލިބުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއް ކަމެއްގެ ގޮތުގައި އެ ބޭފުޅުން ހުށަހެޅުއްވީ ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޝަނެއް އުފެއްދުމެވެ. އެއީ މުވައްޒަފުންނާއި ރިސޯޓުގެ ވެރިންނާއި ޓުއާ އޮޕަރޭޓަރުންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބައެއް ހިމެނޭނެ ކޮމިޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ހުށަހެޅުން ގަބޫލްކޮށް ޓޫރިޒަމް މިނިސްޓްރީގައި އެޑްވައިޒަރީ ކޮމިޓީއެއް އުފައްދާނަން،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ކަމަކަށް ރިސޯޓް މުވައްޒަފުން ހުށަހެޅުއްވީ ހަފްތާއަކު މިހާރު މަސައްކަތް ކުރާ 48 ގަޑައިރު، 40 ގަޑިއިރަށް މަދުކޮށް، ހަފްތާއަކު ދެ ދުވަހު ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިދިނުމަށެވެ. ރިސޯޓްގެ ވެރިންނާއި މުވައްޒަފުންނާއިއެކުގައި މަޝްވަރާކޮށް އެ އެދުމަށް އިޖާބަ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިސޯޓްތަކުގެ އިސް މަގާމުތަކުގައި ބޭރު މީހުން ތިބޭ މައްސަލައަށް ހައްލު ގެނައުމަށް އެ މަގާމުތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ރިސޯޓް މުވައްޒަފުން ލަފާ އެރުވި ކަމަށެވެ.

"ސަރުކާރުން ދޭ ސްކޮލާޝިޕްގެ ތެރޭގައި ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ މަތީ ފަންތީގެ މަގާމުތަށް ހިމެނޭގޮތަށް ސްކޮލާޝިޕް ސްކީމެއް އުފައްދާ އޭގެ ތެރެއިން  ރިސޯތްތަކުގެ ޖެނަރަލް މެނޭޖަރުންނާއި ހިސާބަށް މީހުން ޓްރެއިންކުރުމުގެ މަސައްކަތްތަކެއް ވީހާވެސް އަވަހަށް ފައްޓާނަން،" ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.