އުތުރު ތިލަފަޅުން ގޯތި ދިނުމަށް ރައީސް ނިންމަވައިފި

އުތުރު ތިލަފަޅުން ގޯތި ދިނުމަށް ރައީސް ނިންމަވައިފި

Author
އަހުމަދު
23 ސެޕްޓެމްބަރ 2023 11:16
0

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުވާލާ ސްކީމްގެ ދަށުން ބިން ދޭ ސަރަހައްދުތަކުގެ ތެރޭގައި އުތުރު ތިލަފަޅު ވެސް ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅަކީ އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަމުން އަންނަ ރަށެކެވެ. އެތަނުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ ކަމަށް އިދިކޮޅުން އަބަދުވެސް ތުހުމަތު ކުރެއެވެ. އެކަމަކު، ސަރުކާރުން ތަކުރާރުކޮށް ބުނަނީ މިލިޓަރީ ބޭނުމެއްގައި އިންޑިއާ ސިފައިން އެއްވެސް ދިމާލެއްގައި ނުތިބޭނެ ކަމަށެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. ސަރުކާރުން މިހާރު މާލޭގެ ރައްޔިތުންނަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް ހުޅުވާލާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ "ގެދޮރުވެރިޔާ" ގެ ސްކީމްގެ ދަށުން ކުރިމަތިލާން ހުޅުވާލި 4،000 ފްލެޓާއި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުވާލި ގޯތިތަކެވެ.

މި ދެ ސްކީމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކުރިމަތިލިއިރު، ގޯއްޗަށް ކުރިމަތިލި އެންމެންނާއި ފްލެޓަށް ކުރިމަތިލި އެންމެންނަށް ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދިނުމަށް ނިންމާފައިވެއެވެ.

"ދެން އޮތީ މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯހިޔާވހަިކަން ދިނުމަށްޓަކައި ބިން މިލްކު ކުރުމަށް ހުޅުވާލެވޭ ސްކީމް. އިރާދަ ކުރެއްވިއްޔާ މިރޭ، ކުޑަ އިރުކޮޅެއް ފަހުން އެ ސްކީމު ހުޅުވިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސްކީމުގައި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނާއި ދަފްތަރުގައި ރެޖިސްޓްރީވެ، 20 އަހަރުވެފައިވާ މީހުންނަށް ތަފާތު ކުރުމެއް ނެތި ބައިވެރިވެ ބިން މިލްކް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީކީ. މާލޭން  ވިލިމާލެއަށް، ގުޅީ ފަޅުން ތިލަފުއްޓަށް. ތިލަފުށިން ގިރާވަރުފަޅަށް. ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ،" ހަމަހަމަކަމާ އެކީގައި ދިވެހިންނަށް ފުރުސަތު ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ދޫކުރާ އިތުރު ގޯއްޗާއި ފްލެޓަށް މިއަދު އިއުލާނު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި4،000 އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓު ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.