ޤާނޫނީ މައްސަލައެއް ދިމާވެ އެމްއެމްސީގެ ރައީސާއި، ނައިބު އިންތިޚާބު ނުކުރެވުނު

ޤާނޫނީ މައްސަލައެއް ދިމާވެ އެމްއެމްސީގެ ރައީސާއި، ނައިބު އިންތިޚާބު ނުކުރެވުނު

Author
މުޙައްމަދު ޝަޒައިމް
08 ޑިސެމްބަރ 2020 02:05
0

މޯލްޑިވްސް މީޑިއާ ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުންގެ ތެރެއިން އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސް ހޮވަން ކުރި މަސައްކަތް މިއަދު ކާމިޔާބު ނުވެ ބައްދަލުވުން ނިންމާލައިފިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަލަށް ކައުންސިލަށް މިދިޔަ ހޮނިހިރު ދުވަހު އިންތިޚާބްވި މެމްބަރުން ބައިވެރިވެފައިވެއެވެ. މިއަދުގެ ބައްދަލުވުން ފެށުމާއިކު ކައުންސިލްގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި މިހާރުވެސް ކައުންސިލްގައި މަސައްކަތް ކުރައްވަމުންދާ މެމްބަރަކު ވަނީ ރައީސާއި، ނައިބް ރައީސް އިންތިޚާބް ކުރެއްވުމަށް އަމަލު ކުރަމުންދާ ގޮތާއިމެދު ސުވާލު އުފައްދާފައެވެ.

އެގޮތުން ކައުންސިލް ރައީސާއި، ނައިބް ރައީސް އިންތިޚާބް ކުރަންޖެހޭނީ ހޯމް މިނިސްޓްރީގައި ބާއްވާ ބައްދަލުވުމެއްގައި ނޫންކަމަށާއި އެކަން ކަނޑައަޅާނީ ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުން ކަމަށް، މިމައްސަލަ އުފެއްދެވި ކައުންސިލްގައިހިމެނޭ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި މިއަދުވަނީ ގާނޫނީ ގޮތުން އިތުރަށް ސާފު ކުރަން ވެގެން މިއަދު ބައްދަލުވުން ނިންމާލާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި މީޑިޔާތަކުުން އިންތިޚާބް ކާމިޔާބު ކޮށްފައިވަނީ:

1- އަލީ ހުސައިން، ޕީއެސްއެމް

2- މުއިއްޒު އިބްރާހީމް، މިހާރު އޮންލައިން

3- ހުސައިން ޘަޤީފް، ތިލަދުން

4- އާދަމް ނަޒީރު، ހަތާވީސް އޮންލައިން

5-  ޝަހުބާން ފަހުމީ، ސަންގު

6- އާދަމް ނަވާޒު، ވަގުތު އޮންލައިން

7- ހަސަން ޝާކިރު މުޙައްމަދު، މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ޢާންމުންގެ ތެރެއިން އިންތިޚާބް ކާމިޔާބު ކޮށްފައިވަނީ:

1- ފާތިމަތު އަޙްމަދު

2- އަންވަރު އިބްރާހިމް

3- އިބްރާހީމް ފައުޒީ

4- އަޙްމަދު މޫސާ

5- ޝަފާއަތު ހަބީބް

6- މުޙައްމަދު ޝަފާއު ހަސަން

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.