މިހާރު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ވޯޓުލާ ތަން ބަދަލު ކުރުމަށް، ީ ރެޖިސްޓަރ ކުރަން ހުށަހެޅި މީހުންގެ އަދަދު 47،000 އަށް އަރާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47 ހާހަށްވުރެ ގިނަ މީހުން، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާކަމުގައެވެ.
މީގެ ތެރެއިން، 19 ހާހަށް ވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އޭގެ އިތުރުން 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ކުރަމުންދާއިރު، ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށްވެސް ހަބީބު ވިދާޅުވެފައި ވެއެވެ.
އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެކަމަވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ހަބީބު ވިދާޅުވީ ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށާއި، އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގައި އިންނާތީ، އަލުން ފިޒިކަލް ފޯމުވެސް ލާފައިވާކަމުގައެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލު ކުރުމަށް ހުށަހެޅި މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަތިވެފައިވާއިރު، މިއަދަދު މަތިވުމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކޮށްފައި ވެއެވެ. އެހެންނަމަވެސް އެމްޑީޕީން ބުނެފައިވަނީ، ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ކަންބޮޑުވާންޖެހޭ ސަބަބެއް ނޫންކަމުގައެވެ.
ކޮމެންޓު ފޮނުވާ