އެންމެ ވޯޓެއް ނުދޭ ރަށަކާ، %100 ވޯޓުދޭ ރަށަކާ އެއްވެސް ތަފާތެއް ނުކުރާނަން: ޑރ.މުޢިއްޒު

އެންމެ ވޯޓެއް ނުދޭ ރަށަކާ، %100 ވޯޓުދޭ ރަށަކާ އެއްވެސް ތަފާތެއް ނުކުރާނަން: ޑރ.މުޢިއްޒު

Author
އައިޝަތު އަޙްމަދު
17 ސެޕްޓެމްބަރ 2023 02:14
0

އެންމެ ވޯޓެއް ނުދިން ކަމުގައި ވީނަމަވެސް އެރަށަކާއި 100 އިންސައްތަ ވޯޓު ދޭ ރަށަކަށް އެއްވެސް ތަފާތެއް ނުކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ށ.ނޫމަރާއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިސަރުޚާރުން ވަޒީފާގެ ބިރުދައްކައިގެން ނުވަތަ ވަޒީފާއިން ކަނޑާލިޔަސް އެ ކޮންމެ މީހަކަށް ވަޒީފާ ލިބޭނެކަމަށެވެ. އެރަށެއްގެ ވަޒީފާގައިހުރި ކޮންމެ މީހަކު އެރަށެއްގައި ވަޒީފާގައި ހުންނާނެކަމުގެ ޔަޤީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ދަރަނި ބިޑުކަމުން ކުންފުނިތަކުގެ ހިންގުމުގެ ނިޒާމަށް ބަދަލު ގެންނަވާނެކަމަށެވެ. ނަމަވެސް ވަޒީފާ ނުގެއްލޭނެކަމަށެވެ.

މުއިއްޒު ވަނީ މިހާރު ރަށްރަށުގައި ހިނގަމުން އަންނަ މަޝްރޫޢުތަކާއި، ހިންގުމަށް ޕްލޭންކޮށްފައިވާ މަޝްރޫޢުތަކާއި، އިންތިޚާބާ ކައިރިކޮށް ސޮއިކުރި މަޝްރޫޢުތައްވެސް ހުއްޓުމެއް މަޑުޖެހުމެއް ނެތި ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ނަތީޖާ ދަށްކޮށް ދިޔަޔަސް މައްސަލައެއް ނޫން. އަޅުގަނޑުމެން ސަރުކާރުގައި ޚިދުމަތްދޭއިރު ނުބަލާނަން އެރަށަކުން ލިބުނީ ކިތައް ވޯޓުތޯ؟ އެރަށުގައި ތިބީ ކޮން ޕާޓީއެއްގެ މީހުންނެއްތޯއެއް؟ އެންމެ ވޯޓެއް ނުދިނަސް އެރަށަކަށް ދޭ އަހަމިއްޔަތުކަން 100 ޕަސެންޓް ދޭ ރަށަކާ ތަފާތެއް ނޯންނާނެ

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

ޚިދުމަތްދޭނީ ދޭ ވޯޓަށް ބަލައިގެން ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒުވަނީ ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބުކުރުމަށް އިތުރު ވޯޓު ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ.

މުއިއްޒު ވަނީ އެރަށުގެ ތަރައްޤީއަށްވެސް ގިނަ ކަންކަން އިއުލާންކޮށްފައެވެ. އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކޮށް، މިސްކިތް ބިނާކޮށް، އިތުރު މަޝްރޫޢުތައްވެސް ހިންގަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.