ނިމުނީ އަދި ފުރަތަމަ ހާފް، ފަހު ހާފްގައި ގޯލް ޖަހައި މޮޅުވާނަން: ރައީސް

ނިމުނީ އަދި ފުރަތަމަ ހާފް، ފަހު ހާފްގައި ގޯލް ޖަހައި މޮޅުވާނަން: ރައީސް

Author
އަހުމަދު
16 ސެޕްޓެމްބަރ 2023 10:36
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށާއި ފަހު ހާފްގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުޅެން އަރައި ގޯލްތައް ޖަހައި މޮޅުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ގުޅިގެން މާލޭގެ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި އިދިކޮޅުން ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުން ކަމަށެވެ. އަދި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ދެވަނަ ހާފްގައި ކުޅެން އަރާނީ ވަރަށް ބޮޑަށް ރާވާލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ހާފް ނިންމާލާނީ އިދިކޮޅުން 5-3 އިން ބަލިކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެވަނަ ހާފްގައި އަޅުގަނޑުމެން އެ ވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި ފަސް ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗޭންޖިން ރޫމަށް ވަދެ، ދެވަނަ ހާފް ކުޅޭނެ ގޮތް ވަރަށް ބޮޑަށް ރާވާލާފައިވާ ކަމަށާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ވެސް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީ އާއި އަދާލަތާއި އެމްޑީއޭ އިން ނެރެފައި ވަނީ ބުންވަރު ހުރި މީހުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެޓޭކް މޯޑްގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ހޮނިހިރު ދުވަހުގެ އިންތިހާބުގައި ފަރުވާ ކުޑަ ކުރެވިފައި ހުރި ކަންކަން އެބަހުރި ކަމަށެވެ. ފުރަތަމަ ހާފް ގެއްލިގެން ދިޔައީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު މިއޮތީ ރީ ރަޖިސްޓްރޭޝަން ފެށިފައި. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހުރިހާ ދާއިރާއަކުން އެކަމަށް އިސްވެ ރީ ރަޖިސްޓްރޭޝަން ރަނގަޅަށް ކުރުން. ވަރަށް ބައިވަރު މީހުންނަށް ވޯޓު ނުލެވި އެބައޮތް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން ކުރުމަށް ފަހު، ދޮރުން ދޮރަށް ހިނގައި އިންތިހާބުގެ މުހިންމު ކަން ކިޔައި ދޭން ޖެހޭ ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލަން ވެގެން އެތައް ވައުދެއް ވަމުންދާ ކަމަށާއި އިންތިހާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވިޔަ ދީގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވެރިކަމަކީ ގޭމެއްކަމަށް ބަލައިގެން ކުޅުންތެރިން އިންޑިއާއިން ގެނެސްގެން އުޅެން ހަދައިގެން ފުރަތަމަ ހާފު ނިމުނުއިރު ޖެހުނު ލަނޑައްވުރެން ގިނައީ ބައިކޮޅަށް ވަތް ލަނޑު. ބާކީ އޮތް ހާފުގަ އަލަށް އަރުވާނެ އިތުރު ކުޅުންތެރިއަކުވެސް ނުލިބުނު. ދެން ކިހިނެއް ބޮޑު ވަތަނީ، ޤައުމީ ލަސްކަރެއް ބަލިކުރާނީ.