ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީއަކީ މޮޅުވުމެއް ކަމަށް ބަލައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހުއްޓާ ނުލައްވާ ކަމަށާއި، ކެނޑިނޭޅި ދަނީ ރައްޔިތުންގެ އިތުރު ތާއީދަށް އެދެމުން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހއ.ފިއްލަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްލަކަށްވުރެ ވޯޓު ޑރ. މުއިއްޒަށް ލިބުނު ކަމުގައި ވީނަމަވެސް އެކަމާއި ބޮޑާވެ، އިންތިޚާބުން މޮޅުވީ ކަމަށް ދެކި މަސައްކަތް ހުއްޓާ ނުލައްވާކަމަށެވެ. އިންތިޚާބު ނިމުމާއިއެކު ޖެހިގެން އައި ދުވަހު ކެމްޕޭން ފައްޓަވައި ސީދާ ރައްޔިތުންގެ ގާތަށް ވަޑައިގެން އިތުރު ތާއީދަށް އެދެމުންދާ ކަމަށެވެ.
މާލޭގައި ޑޯޓު ޑޯ ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، ކެމްޕޭން ޖަލްސާތައް ބޭއްވުމާއި ރަށްތަކަށް ދަތުރު ކުރައްވާ ހުއްޓުމެއްނެތި ދަނީ ކެމްޕޭން ކުރައްވަމުން ކަމަށް ޝަހީމް ވިދާޅުވިއެވެ. މުއިއްޒު ވަނީ މިދިޔަ ބުރާސް ފަތި ދުވަހުގައިވެސް އަރިއަތޮޅުގެ 11 ރަށަކަށް ވަޑައިގެން ކެމްޕޭން ކުރިއަށް ގެންގޮސްފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންނާއި ގާތަށް ވަޑައިގެން ކުރިއަށް ގެންދާ ކެމްޕޭންގެ މިހަރަކާތްތަކަކީ އިތުރު ތާއީދު ހޯއްދެވުމަށް މުއިއްޒު ކުރައްވާ މަސައްކަތްތަކެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދުމަށް ހުއްޓުމެއް ނެތި ލިބުނު މަދު ވަގުތުކޮޅުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދަނީ ޑރ. މުއިއްޒު ކަމަށް ޝަހީމް ވިދާޅުވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ރައްޔިތުން ވޯޓު ދެއްވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭންވީ މިނިވަންކަމާއި ޤައުމުގެ ސަލާމަތްތެރިކަން އިސްކޮށް ކަމަށް ޝަހީމް ވިދާޅުވިއެވެ. މިހާރު ތިއްބެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ތައުލީމީ ގޮތުންނާއި، ހިންގުމުގެ ދާއިރާއިންނާއި އެނޫން ގޮތްތަކުން ބެލި ނަމަވެސް ޑރ. މުއިއްޒަކީ އެންމެ ޤާބިލް ކެންޑިޑޭޓްކަމަށް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ