އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި އޭނާގެ ކޮއްކޮ، ހުސައިން މަވާޒްގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް މިއަދު މަވާޒު ކްރިމިނަލް ކޯޓުގައި އިއުތިރާފުވުމުން އޭނާ 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އޭނާގެ ބޭބެ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހްމަދު ޝުވައިބް (27 އ) މަރުވީ މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުއެވެ. ބޭބެ މަރާލުމަށްފަހު މަވާޒް ފުރަތަމަ އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.
އުމުރުން 25 އަހަރުގެ މަވާޒަށް ދައުލަތުން ދައުވާކުރަނީ މާރާމާރާ ހިންގުމަށްފަހު ވަޅިއަކުން ހަމަލާދީ އޭނާގެ މަރާލި މައްސަލާގައި އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޝަރީއަތުގެ މަޖިލީހުގައި މަވާޒް ވަނީ އޭނާގެ ބޭބެއަށް ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެ އެކަން ހިނގި ގޮތް ކިޔައިދީފައެވެ. އަދި ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށްވެސް ބުންޏެވެ.
ދައުލަތުން މަވާޒްއާ އެކު ހަދާފައިވާ އެއްބަސްވުމަށް އަމަލުކުރަން ބޭނުންވާ ކަމަށް މަވާޒް ވަނީ ޝަރީއަތުގައި ބުނެފައިވެ އެވެ. އަދި ކުށް ގަބޫލުކޮށް މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް އެއްބާރުލުން ދެމުން ގެންދާތީ ގާޒީ އާދަމް މުހައްމަދު ވަނީ އެއްބަސްވުމާ އެއްގޮތަށް މަވާޒް 12 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެކަމަކު އޭނާ ތަންފީޒު ކުރާނީ 12 އަހަރާއި ތިން މަހާއި 16 ދުވަހުގެ ހުކުމެކެވެ. އެއީ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ހުރި ދުވަސްތައް ކެނޑުމަށްފަހުއެވެ.
މީހަކު މަރާފައިވާތީ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށްވެސް މަވާޒަށް އަންގާފައިވެއެވެ.
ކޮމެންޓު ފޮނުވާ