ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމްއާއި ބައްދަލު ކުރުމަށް ރައީސް ސާލިހު ސަން އައިލެންޑަށް ދަތުރު ކުރައްވަމުން އެބަގެންދަވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހު ސަން އައިލެންޑަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ރައީސް ސާލިހު ގާސިމް އިބުރާހިމްއާއި ބައްދަލުކުރައްވާއިރު، ރޭގެ ވަގުތެއްގައި އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ ގާސިމް އިބުރާހިމްއާއި ބައްދަލު ކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި ބައްދަލު ކުރުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފް އިސްކޮށް ހުންނަވައިގެން ރޭ ސަން އައިލަންޑް ވިލާޕާކުގައި ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މިބައްދަލުވުން 4 ގަޑިއިރަށް ދިގު ދެމިގެން ދިޔަކަމުގައެވެ.
މިބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ދެކެވުނު ވާހަކަތައް މިއަދު އޮންނަ ޖުމްހޫރީ ޕާޓީގެ ކައުންސިލާއި ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެން/ޕީއެންސީންގެ އިތުރުން އެމްޑީޕީންވެސް ގާސިމް އިބްރާހިމް އާއި އެކީ ކޯލިޝަން ހެދުމުގެ މަޝްވަރާ ފަށާފައިވާއިރު، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިހާރުވަނީ ޕީޕީއެމް/ޕީއެންސީ އާއި އެކީ ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ބޭއްވި އިންތިހާބުގައި ދެވަނަ ބުރު ކަށަވަރު ކޮށްފައިވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮމެންޓު ފޮނުވާ