ނަމާދަށް ގޮވާލުމުން އެހެން ކަންކަމުގައި މަޝްޢޫލުވެ އުޅުމަކީ މޮޔަކަމެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
މިހަފްތާގެ އަދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާ މަޢުރިބް ނަމާދު ވަގުތަށް މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމުން، އެކަމުގައި ސުވާލު އުފެއްދެވި މެމްބަރުންނަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނަމާދަށް ދިއުން އޮންނަނީ އެކުރަން ތިބޭ ކަމެއް އަވަހަށް ކޮށް ނިންމާލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
ނަޝީދުގެ މިވާހަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑިކިޔުން އަމާޒުވެފައިވާއިރު ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވީ ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ ފަރުޞެއްކަމަށެވެ. ނަމާދާއިމެދު ފަރުވާކުޑަކޮށް، ނަމާދަށްވުރެ އެހެން ކަންކަމަށް އިސްކަން ދިނުމަކީ ވަރަށް ބޮޑު މޮޔަކަމެއްކަމަށް ޝައިޚް ވަނީ ވިދާޅުވެފައެވެ.
ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއް. އަދި ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮދު ވެގެންވާ އަމަލަކީވެސް ނަމާދު އޭގެ ވަގުތުގައި އަދާކުރުން. ﷲގެ ހަޒުރަތުގައި ކާމިޔާބަށް އަންނާށޭ ގޮވާލީމަވެސް އެގޮވާލުމަށް އިޖާބަ ނުދީ، އެހެން ކަންކަމުގައި މަޝްޢޫލުވެ އުޅުމަކީ މޮޔަކަމެއް.
– ޝައިޚް އިލްޔާސް ވިދާޅުވިއެވެ.
ނަމާދު ކުރުމުގެ ވަގުތާއި ގުޅޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވިއިރު ނަޝީދު ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކީރިތި ޤުރުއާން ކިޔެވުން ހުއްޓުވާފައެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ކިޔެވިޔަސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާނެތީ މަޖިލީހުގެ ޖަލްސާގައި ޤުރުއާން ކިޔެވުން އެއީ ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. މިރޭ ނަމާދު ވަގުތާއި ގުޅޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނަކީ އިސްލާމްދީނުގެ އިލްމު ލިބިވަޑައިގެން ހުންނެވި އިލްމުވެރިއެއް ނޫނެވެ.
ކޮމެންޓު ފޮނުވާ