ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އަދި އެއްވެސް ބަޔަކައި މަޝްވަރަ ކުރަމުން ނުދާކަމަށް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ސަޕްރައިޒިން ނަތީޖާ ހޯދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ އަދި އަމިއްލަ ޕާޓީގެ ދަފްތަރުގައި 22607 މެމްބަރުން ތިބި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް ފަހަތަށް ޖައްސާލައި އުމަރު ވަނީ އިންތިޚާބުގެ 4 ވަނަ އަށް އެންމެ ވޯޓު ހޯދި ކެންޑިޑޭޓަށް ވެފައެވެ. އުމަރު ވަނީ މިއިންތިޚާބުގައި 6،343 ވޯޓު ހޯއްދަވާފައެވެ. ޤާސިމަށް ލިބުނީ 5،460 ވޯޓެވެ. އުމަރަކީ މިއިންތިޚާބުގައި އެންމެ ކެމްޕޭން ހަރަކާތްތައް މަދު އެއް ކެންޑިޑޭޓެވެ.
އިންތިޚާބުގެ ދެވަނަ ބުރަށްދިޔަ ދެ ކެންޑިޑޭޓުންގެ ތެރެއިން އެބަޔަކަށް އެންމެ ރަނގަޅު ކެންޑިޑޭޓަކާއިއެކު ކުރިއަށް ދިއުމަށް ގެންދަނީ މަޝްވަރާތައް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ބަޔަކައި މަޝްވަރާކޮށް ކޯލިޝަން ހެދުމުގެ މަސައްކަތް ކުރިއަށް ނުގެންދާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
ފުރަތަމަ ބުރުގައި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު:
1- ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު: 101635 ވޯޓު (%46)
2- އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 86161 ވޯޓު (%39)
3- ދ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، އިލްޔާސް ލަބީބް: 15839 ވޯޓު (%7)
4- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޢުމަރު ނަސީރު: 6343 ވޯޓު (%2)
5- ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމް: 5460 ވޯޓު (%2)
6- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު އަޙްމަދު ފާރިސް މައުމޫން: 2979 ވޯޓު (%1)
7- އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: 1907 ވޯޓު (%0.86)
8- އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލު: 327 ވޯޓު (%0.15)
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރެއްވި ވަގުތީ ނަތީޖާ ދައްކާގޮތުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ 282395 މީހުންގެ ތެރެއިން %79.85 މީހުންނެވެ. އެއީ 225486 މީހުންނެވެ.
ރިޔާސީ އިންތިޚާބު އެއްބުރުން އެއްވެސް ކެންޑިޑޭޓަކަށް ނުނިންމުމުން އިންތިޚާބުގެ ދެވަނަ ބުރެއް މިމަހުގެ 30 ވަނަ ދުވަހު އޮންނާނެއެވެ. ދެވަ ބުރުގައި ވާދަ ކުރާނީ ރައީސް ޞާލިހާއި، ޑރ. މުހައްމަދު މުއިްޒުއެވެ.