ގދ. ހޯނޑެއްދޫއާ ކައިރީގައި އޮންނަ ގދ. ކަޑެވާރެހާގައި ޓޫރިޒަމް މަޝްރޫއެއް ހިންގަން އިސްކަން ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ގދ. ހޯނޑެއްދު އަށް ވަޑައިގެން މުއިއްޒު ވިދާޅުވީ އެ ރަށުން ކުޑަކުދިންތަކެއް ވަނީ ބޭނުންވާ ކަންކަން ހިމެނޭ ލިޔުންތަކެއް އޭނާއާ ހަވާލުކޮށްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ލިޔުމުގައި އޮތީ ހޯނޑެއްދޫގެ އިހްތިސާސްގެ ތެރޭ އޮތް ކަޑެވާރެހާގައި ޓޫރިޒަމް މަޝްރޫއެއް ހިންގުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އާމްދަނީ ހޯދޭނެ ވަސީލަތްތައް އިތުރު ކުރެވޭނެ ގޮތްތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކަޑެވާރެހާ ނަމަކަށް ކިޔާ ފަޅު ރަށް ޓޫރިޒަމަށް އިންވެސްޓް ކުރުމަކީ އިސްކަން ދެއްވާނެ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަމުގައި ގާނޫނީ ގޮތުން ހުރި ކަންކަން ބެެއްލެވުމަށް ފަހު، ކަޑެވާރެހާ އަށް ޓޫރިޒަމް ގެނެސް، ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށް ދެއްވާނެ ކަމަށެވެ.
މުއިއްޒު ހޯނޑެއްދު އަށް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީ ފެންވަރަށް ތަރައްގީ ކުރުމާއި މަގުތައް ހެދުމާއި ރާޅު އަރައި ގެއްލުންވާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖެހުމާއި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމާއި ރީތި މިސްކިތެއް އެޅުމާއި ގެދޮރުވެރިކަން ފޯރުކޮށްދިނުމާއި ހޯނޑެއްދޫގައި ސްކޫލްގެ ޖާގަ އިތުރުކޮށް ކްލާސް ރޫމާއި މަލްޓި ޕާޕަސް ހޯލެއް އެޅުމެވެ.
ކޮމެންޓު ފޮނުވާ