އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ފުރާވަޑައިގެންފިއެވެ.
ޕީޕީއެމުން މިއަދު ބުނި ގޮތުގައި އައްޑޫން މުއިއްޒަށް ރަސްމީކޮށް މަރުހަބާ ދަންނަވާނީ އެއާޕޯޓު ކައިރިންނެވެ. އޭގެ ފަހުގައި، މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ފޭދޫއަށެވެ. އޭގެ ފަހުގައި، އެހެން އަވަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް ފުރައިވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކޮށް މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީ އާއި ކުރިމަގަށްޓަކައި ރަނގަޅު ތަސައްވުރެއް ގެންގުޅެނީ ޕީޕީއެމް ޕީއެންސީން ކަމަށެވެ. އެހެންވެ، ޕީޕީއެމް/ޕީއެންސީއާ އެކީގައި ކުރިއަށް ދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކެމްޕެއިން ކުރުމަކީ ކޮންމެ ކެނޑިޑޭޓަކަށް އޮތް ހައްގެއް ކަމަށާއި އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނަށް ހުރަސްއަޅާ އެމީހުން ކަންތައް ކުރާ ގޮތުގެ ވާހަކަ ދެއްކުުމަކީ ދުވަހަކުވެސް ނުކުރާނެ ކަމެއް ކަމަށެވެ.
އެ ކޯލިޝަނުން އަބަދުވެސް ބަލަނީ ރައްޔިތުންނަށް ހިދުުމަތެއް ދެވޭނެ ގޮތްތައް ހޯދައި ކެމްޕެއިނަށް ލިބިފައި ކުޑަ ވަގުތުކޮޅުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭތޯ ކަމަށް މުއިއްޒު ވިދާޅުވިއެވެ.