ޔާމީންގެ ޝަރީއަތާއި މެދު އެއްޗެއް ބުނަން ބޭނުމެއްނޫން، އެއީ ދާޚިލީ ކަމެއް: އީޔޫ ވަފްދު

ޔާމީންގެ ޝަރީއަތާއި މެދު އެއްޗެއް ބުނަން ބޭނުމެއްނޫން، އެއީ ދާޚިލީ ކަމެއް: އީޔޫ ވަފްދު

ގުޅުންހުރި

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އާއި ގުޅޭ ގޮތުން ރާއްޖޭގެ ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތުގެ މަރުހަލާތަކުގެ ތެރެއަށް ނުަވަދެވެނޭ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން އޮބްޒާބްކުރަން ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފްދުގެ ޗީފް އޮބްޒާވަރު ޚޯސޭ އިގްނާސިއޯ ސަންޗޭޒް އަމޯރު ވިދާޅުވެއްޖެއެވެ.

އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވުމަށް ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފްދުގެ އަރިހުން ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަންގާރަ ދުވަހު ވަނީ އެދިވަޑައިގެންފައެވެ.

އީޔޫގެ އޮބްޒާވާ މިޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭ ގޮތުން ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވައި ޗީފް އޮބްޒާވަރު ޚޯސޭ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަން ބޭނުން ނުވާކަމަށެވެ. ހަމަ އެހެންމެ އިލެކްޝަން އޮބްޒާވަރުންގެ ގޮތުގައި ތިބެ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިލެކްޝަންގެ ހަގީގީ މަންޒަރު އަދި ނުފެންނަ ކަމަށެވެ. އެހެންކަމުން އިންތިޚާބު ނިމި 11 ސެޕްޓެމްބަރުގެ ކުރިން އެ އޮބްޒާވާ މިޝަންއިން ވަކި އެއްޗެއް ބުނެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

މުޅި އިންތިޚާބުގެ މަރުހަލާއަށް ބިނާކޮށް އިޔޫއިން ގާއިމްކޮށްފައިވާ މެތޮޑޮލަޖީއާ އެއްގޮތަށް ތަޖުރިބާކާރުން ހިމެނޭ ކޯ ޓީމް 31 ޖުލައިގައި ރާއްޖެއަށް އައިސްފައިވާ އިރު ދިގު މުއްދަތުގެ އޮބްޒާވަރުން 13 އޮގަސްޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާނެއެވެ.

މި މިޝަންއަކީ ދިވެހި ދައުލަތުން ދިން ދައުވަތަކަށް ޔޫރަޕިއަން ޔޫނިއަންއިން އިންތިޚާބު އޮބްޒާވްކުރުމަށް ފޮނުވި ޚާއްސަ ވަފުދެކެވެ.

ރާއްޖޭގެ ރައީސްއަކު އައްޔަނުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒާވުކުރުމުގެ ގޮތުން އައިސްފައިވަނީ ޔޫރަޕިއަން ޔުނިއަންގެ ވަފުދެކެވެ. މީގެ ދުވަސްތަކެއް ކުރިން ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ނަޝީދުވަނީ ރައީސް ޔާމީން މިނިވަންކުރެއްވުމުގެ ގޮތުން ބޭރު ގައުމުތަކާއިވެސް މަޝްވަރާތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ނަޝީދުއަށް ޙުކުމް ކުރީމަ ކަލޯމެން ހީވަނީ ފަޔަށް ހިނި އަރާގެން އުޅޭހެން، އެއި މިޤައުމުގެ ދާޚިލީ ކަމަކަށް ނުވަނީބާ؟

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ