މާލޭގެ ރައްޔިތުންނަށް ދެއްވާނެކަމަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވައުދު ވެވަޑައިގަތް ގޯތި ނުދެއްވި ކަމަށާއި ގޯތި ދޭނެކަމަށް އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށްވާ ވައުދު ފުއްދުމަށްޓަކައި ލެޖިސްލޭޓިވް އެޖެންޑާއެއް ނުވަތަ ގާނޫނީ އޮނިގަނޑެއް ބޭނުންވާނެކަމަށެވެ.
އަދި އެ ނޫންގޮތަކަށް އެކަން ކުރަން އުޅެފި ނަމަ ރާއްޖޭގެ ރަށްތަކަށް ވެގެންދާނެ ގޮތް މިހާރު ފެންނަމުންދާ ކަމަށާއި ހުރިހާ ރަށެއް ވަނީ ފަސްގަނޑު ޖަހާފައިކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެންމެ ޕްރޮޖެކްޓެއްވެސް ނިންމޭކަށް ނެތް، އެއްވެސް ޕްރޮޖެކްޓެއް ފެށީކީ ނިންމާކަށް ނޫން، ފަށާފައިހުރި ޕްރޮޖެކްޓްތަކަކީ ވީ ވައުދެއް ނޫން، ވެފައި ހުރި ވައުދުގެ ނެތް ޕްރޮޖެކްޓެއް، ފައިސާ ހޯދަން ވިދާޅުވީ އެއްވެސް މަގަކުން ފައިސާއެއް ނައި، ލޯނަކުން ބޮންޑަކުން އަދި ހިލޭ އެހީއަކުންވެސް ނައި، އެހެންވީމާ ޗާޕް ޖެހީ، ޖެހޭނެތާ އަތުގައި ޗާޕް މެޝިނެއް އޮތިއްޔާ، އެ ދިވެހި ފައިސާ ޖަހާ ނެގީ، މިދިޔަ ފަސް އަހަރު މިދިޔައީ ގެއްލިގެން" ސަރުކާރުން ކަންކުރަމުން އަންނަ ގޮތް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޞާލިހް ވައުދުވެވަޑައިގެންނެވި ގޯތި ދިނުމުގެ ކަންތައް އެމަނިކުފާނު ނުކުރެއްވިކަމަށާއި އެކަން ކުރައްވާނެ ކަމަށް ދެވަނަ ދައުރެއް ދިނުމަކީ ކުރަންވާވަރުގެ ކަމެއް ނޫންކަމަށެވެ.
"މާލޭ މީހުން ވަރަށް ބޮޑަށް ބައްލަވާ އަޑު އައްސަވާތި، އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިކަން ކުރާނަން، ރައީސް އިބްރާހިމްއަކަށް ތިބޭފުޅުން ދެއްވަން ނުފެނޭ، ދެން އިތުރު ދައުރަކަށް އެކަން ކުރައްވާނެކަމަށް އެބޭފުޅާ އަތަށް މި ގޯތީގެ މަސައްކަތް ދެއްވާކަށް އެއްގޮތަކަށް ވެސް ނުފެނޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ގޯތި ދިނުމަކީ ލޯކަލް ކައުންސިލްގެ މަސައްކަތެއްކަމަށާއި އެކަމަކީ ސަރުކާރަކާ ބެހޭވެސް ކަމެއް ނޫންކަމަށެވެ. އަދި އެ ބާރު ގާނޫނީ ގޮތުންވެސް ސަރުކާރަށް ނުލިބޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2 Responses
މީނަ ރަނގަޅީ މިވާހަކަ ދައްކަން. ވެށިފަހި ހިންގީ ކައުންސިލުންތޯ؟
ކައުންސިލުންތޯ ފްލެޓް އަޅަން އަރަބިއްޔާ ކޮށްޓާއި، އޯޑިއޯނު އަދި ނާދީ ކޮށި ޓާޓާ ކުންފުންޔަށް ވިއްކާލީ؟