އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ރޫޅާލަން މިސަރުކާރުން މިފަސް އަހަރު ތެރޭ ކުރި މަސައްކަތް ފެއިލް ކޮށްލީ އާންމު މެމްބަރުން ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ގދ.ފިޔޯރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ ޕީޕީއެމްގެ ބަދަހި ސަފުތަކަކީ ސާބިތު އެއް އަޒުމެއްގައި އޮތް ސަފުތަކެއްކަން މި ފަސްއަހަރުގެ ތެރޭގައި ސާބިތު ކަމާއިއެކު ހާމަކޮށް ދީފައިވާކަމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނަށް ނުހައްގުން މިސަރުކާރުން އެތައް އަނިޔާއެއްދީ، ޕާޓީގެ އާންމު މެމްބަރުން ބައިބައި ކޮށްލުމަށް ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވީ އާންމު މެމްބަރުންގެ މަސައްކަތުންކަމަށް ސެމްބެ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ، އަދި ޔަގީންކަމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރު. މިފަސްއަހަރު މިސަރުކާރުން ކެނޑިނޭޅި އަޅުގަނޑުމެންގެ ތެރެ ބައިބައިކޮށް ރޫޅާން ކުރި މަސައްކަތް ވީ ނާކާމިޔާބު. މާދިއްޔަތަށް އަޅުގަނޑުމެންގެ އާންމު މެމްބަރުން ގުޑުވާ ނުލެވެނު. އިރާދަ ކުރެއްވިއްޔާ މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ އެއްބުރުން.
– ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ އެތައް ހާސް ރައްޔިތުންނަށް ދެމުންދާ އަނިޔާއަކީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގެންގުޅުން ކަމަށެވެ. މިއީ އެތައް ރައްޔިތުންގެ އިހުސާސްތަކާއި ގުޅިފައިވާ ކަމަކަށްވާއިރު މިކަމުގައި މިސަރުކާރުން ދެމުންދާ އަނިޔާތަކަކީ ރައްޔިތުން ވޯޓުން އޭގެ ނަތީޖާ ދައްކާނެ ކަމެއްކަމަށް ސެމްބެ ވިދާޅުވިއެވެ.
ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް @HucenSembe ފިޔޯރީ އަށް#Muizzu2023#MuizzuSembe2023#Vote4Muizzu#FreePresidentYameen pic.twitter.com/gCpkttVabO
— Een #FreeRaeesYameen (@EenInoo) August 16, 2023
އޭނާ ވިދާޅުވި ޑރ.މުއިއްޒުގެ ސަރުކާރެއްގައި އެއްވެސް ދިވެހި ރައްޔިތަކަށް ނުހައްގުން އަނިޔާދީ ނަހަދާނެކަމަށެވެ. އިންސާފުން ބޭރުން ޤާނޫނީ އިމުން ބޭރުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ސެމްބެ ވިދާޅުވިއެވެ.