ކުޅުދުއްފުށި މޭޔަރާއި ކައުންސިލް ހުރިހާ މެމްބަރުން އަލުން އެމްޑީޕީ އަށް

ކުޅުދުއްފުށި މޭޔަރާއި ކައުންސިލް ހުރިހާ މެމްބަރުން އަލުން އެމްޑީޕީ އަށް

Author
އަހުމަދު
15 އޮގަސްޓް 2023 10:38
0

ހދ. ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފާއި އެ ކައުންސިލްގެ ހުރިހާ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީ ދޫކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައި ވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.

އެ ސިޓީގެ ކައުންސިލް މެމްބަރުން އެމްޑީޕީ އަށް ސޮއި ކުރައްވައި ފޯމް ހަވާލުކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޅުދުއްފުށި މޭޔަރާއި ކައުންސިލް ހުރިހާ މެމްބަރުން އެމްޑީޕީ އަށް ސޮއި ކުރެއްވި އިރު، ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވަނީ ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޔާސިރް އަދި ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން ތާއީދު ކުރެއްވީ ނަޝީދަށެވެ. އޭގެ ފަހުން ޕާޓީ ތެރެއިން އުފެއްދި "ފިކުރެއްގެ ދިރުން" ހަރަކާތުގައި ވެސް އެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމަކު ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ޑިމޮކްރެޓްސް އިން ފެށި ހިސާބުން މި ބޭފުޅުން ނުފެނެއެވެ.

ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިންގައި މިހާތަނަށް އައިއިރު ގިނަ އަތޮޅުތަކަކަށް ވަޑައިގެންފައިވާ އިރު، އެމަނިކުފާނު ވަޑައިނުގަންނަވާ އެއް ސިޓީއަކީ ކުޅުދުއްފުށި ސިޓީއެވެ. އެނގިފައިވާ ގޮތުގައި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ރައީސް އެ ސިޓީ އަށް ދަތުރު ކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.