މާލޭގެ ގެއެއްގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުގެ މައްސަލާގައި ދަޢުވާ ލިބޭ ޢަލީ ޝާހިލަށް ދައުލަތުން ހަމަޖެއްސި ވަކީލު މައްސަލައިން ތަނާޒުލްވުމުން އޭނާއަށް ދައުލަތުން އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފިއެވެ.
އުމުރުން 22 އަހަރުގެ ޝިއާއުގެ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ރެއެވެ. ހ. ޝީރީންވިލާއިން ޝިއާއުގެ ހަށިގަނޑު ފެނުނިއިރު ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޝިއާއުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް 5 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުގެ މީީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި، ޝާހިލްއަށް ދައުލަތުން ކުރިން ހަމަޖެއްސި ވަކީލު މައްސަލައިން ތަނާޒުލުވީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހު އެ މައްސަލައިގެ އޮތް އަޑުއެހުމުގައި ސާހިލް ވަނީ، ވަކީލަކާ އެއްކޮށް މައްސަލަ ކުރިއަށްގެންދަން ބޭނުންވާތީ އެހެން ވަކީލަކު ހަމަޖައްސަން އެދިފައެވެ.
ކްރިމިނަލް ކޯޓުން ބުނީ، އޭނާއަށް ވަކީލަކު ހަމަޖައްސަން އަދި ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށާއި އަންނަ ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޕީޖީ އޮފީހުން އެ ދުވަހުގެ އަޑުއެހުމުގައި ބުނެފައިވާ ކަމަށެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދާނެ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމަކީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ.
މި މައްސަލާގައި ފުލުހުން ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި 45 މީހުންނަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާއި ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނީ އޭރު ޝާހިލް ދިރިއުޅެމުން ދިޔަ ގޭ ތެރެއިންނެވެ. ފުލުހުން ވިދާޅުވީ ޝިއާއުއަށް ދީފައިވާ ބައެއް އަނިޔާތަކަކީ އޭނާ މަރުވިފަހުން ދީފައިވާ އަނިޔާތައްކަމަށެވެ.