ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
ޕީޕީއެމް އިން އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅި ކުރީގެ ރައީސް ޔާމީންގެ އިންތިހާބީ އެޖެންޓަކަށްވެސް އެންމެ ފުރަތަމަ އައްޔަންކުރީ ތޮލާލްއެވެ. ތޮލާލް އަކީ ޕީޕީއެމްގެ އިދާރީ މަސައްްކަތްތަކުގައި އިސްކޮށް އުޅުއްވާތާ އެތައް އަހަރެއްވީ ބޭފުޅެކެވެ.
މީގެކުރިން ތޮލާލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް އިންތިހާބީ އެޖެންޓެއް ކަނޑައަޅަން ގާނޫނު ލާޒިމުކުރެއެވެ. އެޖެންޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނަށް ޖަވާބުދާރީވުމާއި ގާނޫނީ ކަންކަން ބެލެހެއްޓުން ހިމެނެއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވަން އުޅުމުން އެމަނިކުފާނުގެ ކެނޑިޑެސީ ފޯމް އީސީން ބަލައިނުގަތެވެ. ޝަރުތު ހަމަނުވުމާއި ގުޅިގެން އަދި އެމަނިކުފާނުގެ ދަރަންޏެއް އޮތުމުން ސްޕްރީމް ކޯޓުންވެސް ވަނީ އީސީގެ ނިންމުމަށް ތާއީދުކޮށްފައެވެ.
ޑރ. މުއިއްޒުގެ ކެމްޕޭން މެނޭޖަރާއި ޑެޕިއުޓީ މެނޭޖަރަކަށް ވެސް ހަމަޖައްސާފައިވަނީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި ކެޕްޓަން މުހައްމަދު އަމީނާއި ޑެޕިއުޓީ މެނޭޖަރަކަށް ހުންނެވި ނާޒިމު އިބްރާހީމްއެވެ. މުއިއްޒު އިއްޔެ ވަނީ އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށައި އޭނާގެ ފުރަތަމަ ކެމްޕޭން ޖަގަހަ ހުޅުވާފައެވެ.
މީގެއިތުރުން މާދަމާ އިން އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް ފައްޓަވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.