ކޯވިޑް-19 އާއި ގުޅިގެން ފަސްކޮށްފައިވާ އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ޖޮއިންޓް ކޮލިފައިން މެޗުތައް ފަށައި ބަންގްލަދޭޝް މައްޗަށް ތަފާތު ބޮޑު މޮޅެއް ގަތަރުން ހޯދައިފިއެވެ.
ދޯހާގައި ކުޅުނު މެޗު ގަތަރުން ކާމިޔާބު ކުރީ 5-0 ލަނޑުންނެވެ. ގަތަރާ ބަންގްލަދޭޝްގެ މެޗަކީ، މެދު ކަނޑާލާފައިވާ އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ކޮލިފައިންގެ މެޗުތައް އޭއެފްސީން އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗެވެ. ހުކުރު ދުވަހުގެ ރޭ ގަތަރާ ބަންގްލަދޭޝްގެ މެޗު ކުޅުނު ނަމަވެސް ކޮލިފައިންގައި ބާކީ ހުރި މެޗުތައް ކުޅުން އޭއެފްސީ ތާވަލްކޮށްފަވަނީ އަންނަ މާޗް މަހުގައިވެ.
ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭވެސް ތިން މެޗު އަދި ބާކީ އެބައޮތެވެ. އެއީ ރަށުން ބޭރުގައި ޗައިނާ އާއި ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ކޯވިޑާ ގުޅިގެން މެދު ކަނޑާލިއިރު، ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕު އޭގެ ހަތަރު ވަނައިގައެވެ.
މި މޮޅާއެކު ގަތަރު ވަނީ ކޮލިފައިން ގުރޫޕްގެ ކުޅު 6 މެޗު ކާމިޔާބުކޮށް 16 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައަށް ޖެހިލާފައެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރު ކޮލިފައިވެފައިވާއިރު ގުރޫޕްގައި ގަތަރު ވާދަކުރަމުންދާނީ 2023 ވަނަ އަހަރު އޮންނަ އޭޝިޔަންކަޕަށް ކޮލިފައިވުމަށެވެ. ގުރޫޕްގެ ދެވަނައިގަ 5 މެޗުން ހޯދި 12 ޕޮއިންޓާއެކު އޮމާން އޮތްއިރު އަފްއާނިސްތާން ތިންވަނައިގަ އޮތީ 4 ޕޮއިންޓެވެ. ފަސްމެޗުން ހޯދި ތިން ޕޮއިންޓާއެކު ހަތަރުވަނަގައި އިންޑިޔާ އޮތްއިރު ފުލުގައި އޮތް ބަންގްލަދޭޝްއަށް ލިބެނީ ފަސްމެޗުން އެންމެ ޕޮއިންޓެކެވެ.
މި ދެ ޓީމު ބަންގަލަދޭޝްގައި، ކުޅުނު މެޗޖު ގަތަރު ކާމިޔާބުކުރީ 2-0 ލަނޑުންނެވެ.
ކޮމެންޓު ފޮނުވާ