ފަރުދީން އާއި ނަތާޝާ ކައިވެނި ރޫޅާލަނީ

ފަރުދީން އާއި ނަތާޝާ ކައިވެނި ރޫޅާލަނީ

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2023 10:27
0

90އިގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ތަރީގެ ގޮތުގައި މަޝްހޫރު އެކްޓަރު ފަރްދީން ހާން އާއި އަންހެނުން ނަތާޝާ މަދަވާނީ، 18 އަހަރު އެކުގައި އުޅުމަށް ފަހު ވަރިވާން ނިންމައިފި އެވެ.

މި ދެމީހުންގެ 18 އަހަރުގެ ދިގު ކައިވެންޏަށް ނިމުން ގެންނަން ނިންމާފައިވަނީ ދިރިއުޅުމުގެ ވަރަށް ގިނަ މުހިއްމު ނިންމުންތަކުގައި ދެ މީހުންގެ ޚިޔާލު ތަފާތުވާން ފެށުމުންކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިގެން ވަކިން ދިރިއުޅެމުން ދާތާ ވެސް މިހާރު އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް، އެ ދެމީހުންގެ މެދުގައި ޖެހުނީ ސީދާ ކޮން މައްސަލައެއް ކަން އަދި ނޭނގޭ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ނަތާޝާއަކީ ކުރީގެ މަޝްހޫރު ފިލްމީ ބަތަލާ މުމްތާޒުއަށް ލިބުނު ދެ އަންހެނުން ކުދިންގެތެރެއިން ދޮށީ އަންހެން ދަރިފުޅެވެ. ފަރުދީން ޚާންގެ ބައްޕައަކީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ފިރޯޒް ޚާންއެވެ.

ފަރުދީން އާއި ނަތާޝާ ކައިވެނިކުރީ ޑިސެމްބަރު 2005 ގަ އެވެ. އެ ދެމީހުންގެ 10 އަހަރުގެ ފިރިހެން ކުއްޖަކާއި ހަ އަހަރުގެ އަންހެން ކުއްޖެއް ހުރެ އެވެ.

ފަރުދީން އެންމެފަހުން ފިލްމަކުން ފެނުނީ 2010 ވަނަ އަހަރު ގެނެސްދިން "ދުލްހާ މިލް ގައޭ" އިންނެވެ. އޭގެ ފަހުން ބޮލީވުޑްއާ ދުރުގައި ހުރުމަށް ފަހު ފިލްމީ މަސައްކަތްތަކަށް އެނބުރި އަންނަން އޭނާ މިހާރު ވަނީ ނިންމައިފަ އެވެ. އޭނާ އަންނަނީ "ވިސްފޮޓް" ކިޔާ ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.