އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޔާމީން ސޮއިކުރައްވާފައިވާ ކެންޑިޑެސީ ފޯމު ފުރިހަމަ ކުރުމަށް ފަހު، ޕީޕީއެމްގެ ސެކްރެޓޭރިއަޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދެންމެ ހަވާލުކޮށްފިއެވެ.
މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ޔާމީން ރައީސްކަމަށް ވާދަކުރައްވާ ފޯމު ހުށަހެޅުމުގެ މަސައްކަތް ޕީޕީއެމުން އަންނަނީ ކުރަމުންނެވެ. އެމަނިކުފާނަށް އިއްވާފައިވާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ހުކުމާ ހެދި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ޝަރުތެއް އުނިވެފައި ވިޔަސް ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ވާދަކުރެއްވޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ.
މިއަދު މެންދުރު ފަހު ޕީޕީއެމްގެ ފަރާތުން އެ ފޯމު ވަނީ ކަރެކްޝަންސްއަށް ހަވާލުކޮށްފައެވެ. ކެންޑިޑެސީ ފޯމުގެ އިތުރުން ކުށުގެ ރެކޯޑު ވެސް ވަނީ އެ ހިދުމަތަށް ހަވާލުކޮށްފައެވެ. ޕީޕީއެމުން ވެސް ވަނީ އީސީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ޔާމީން ސޮއިކުރައްވައި އެ ލިޔެކިޔުންތައް އެ ޕާޓީއާ ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ.
ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ.
އެމަނިކުފާނުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ފޯމު ލިބުމުންނެވެ. ގާނޫނު ބުނާ ގޮތުން ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ.
ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންވިޔަސް ސުޕްރީމް ކޯޓާ ހިސާބުން އެމަނިކުފާނަށް ކާމިޔާބު ލިބޭނެ ކަަމަށް ޕީޕީއެމުން ބުނެއެވެ. ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދޭން އެދި ވަކީލުން ސުޕްރީމް ކޯޓަށް އާދީއްތަދުވަހުގެ ރޭ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ. އެހެންވިޔަސް ޔާމީން ނޫން އެހެން ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ނެތް ކަމަށް ޕީޕީއެމުން ބުންޏެވެ.
2 Responses
ޖަލުގަތިބި ކޮންމެމީހަކީ ވެސް ހައްޤުތަކެއް އޮތް ބައެއް. އެންމެނަށް ހުކުމް ކޮއްފަވަނީ ޝަރީއަތުން. ޔާމީންވީމަ ވަކިގޮތެއްވާކަށް ނުޖެހޭ.
"ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެއެވެ." ދެން ކިޔާ ގާނޫނު އަސާސީ އާއިވެސް ޚިލާފް ވަނީ އެހެން މީހުނެވެ.