އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިންތިޚާބީ އެޖެންޓަކަށް ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުސް ސާބިތުގެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައީސް ޔާމީނު ނޫން ބޭފުޅަކު އިންތިޚާބުގައި ވާދަ ނުކުރާނެކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އަދި މިހާރު ގެންދަވަނީ ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު ލުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރަމުންނެވެ.
ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ އިންތިޚާބީ އެޖެންޓަކަށް ޕީ.ޕީ.އެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ހަމަޖައްސަވާފައި ވާކަމަށެވެ. ތޮލާލްއަކީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ހިންގުމުގެ ދާއިރާގެ ތަޖުރިބާ ބޮޑު ބޭފުޅެކެވެ.
ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވާއިރު, ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވާ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވުުމުންނެވެ.
މިމައްސަލައިގެ އިސްތިއުނާފީ އަޑު އެހުންތައް ހައިކޯޓުގައި ކުރިއަށް ނުދާތީ އިދިކޮޅު ކޯލިޝަނުން ވަނީ އެމަނިކުފާނުގެ އިންތިހާބީ ހައްގެއް އުނިވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ، އެކޯޓުން ބަލައިނުގެން އިއްޔެ ވަނީ ބޭރުކޮށްލާފައެވެ. ނަމަވެސް ކަރެކްޝަންސްގެ އެހީތެރިކަމާއެކު ޔާމީނުގެ ކެންޑިޑެސީ ފޯމު ފުރުމަށް މިހާރު އޮތީ ފުރުސަތު ލިބިފައެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 7 ވަނަ ދުވަހަށެވެ.