ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސް އިން ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރުގެ ނިޔަލަށް ހުޅުވާލާކަމަށެވެ. އޮންލައިންކޮށް އަދި ޕާޓީގެ އިދާރާއަށް ވެސް ގޮސް ފޯމު ހުށަހެޅޭނެ ކަމަށް އޭގައިވެއެވެ. އަދި ޕާޓީގެ މައި އިދާރާ ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ހަވީރު 4:00 އަކަށް ކަމަށް ބުނެފައިވެއެވެ.
ދަ ޑިމޮކްރެޓްސްއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ލިބުނު ނާކާމިޔާބީއަށް ފަހު އެ ޕާޓީގެ ރައީސް ކަމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން ހެދި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ފެށިގެން އައީ "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހަދައިގެން އެމްޑީޕީގެ އެތެރެއިން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔުމުން ބައެއް މީހުން ސަރުކާރު މަގާމުތަކުން ދުރުކޮށް އަދި ޕާޓީން ވަކިކުރަން ފެށުމުންނެވެ.
ރައީސް ނަޝީދު އާއެކު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ވަނީ އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ސޮއިކޮށްފައެވެ. ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި ޖުމްހޫރީ ޕާޓީ އާ އެކުވެސް އެޕާޓީންދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. މަޝްވަރާތައް ކުރިޔަށް ގެންދިޔަނަމަވެސް އެޕާޓީން ބުނަމުންދިޔައީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށެވެ. އަދި މިސަރުކާރު ބަދަލުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޑިމޮކްރެޓްސްއިން ބުނެއެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް އެއްވެސް ޝައުގެއް ހުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ޝައުގެއް އެ ކަމަށް ނެތް ކަމަށެވެ. ނަޝީދު ވަނީ އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ވެސް ކުރިއަށް ނެރުއްވައިފައެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ